ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެކަށީގެންވާ މުސާރައެއް ނުލިބޭ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގައި ބައްދަލުވުމުގައި އެ ކޮމިޓީ ބައްދަލުވުން ފަށަމުން މުގައްރިރުކަން ކުރައްވާ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ މެންބަރުން ބައެއް ކަންބޮޑުވުންތައް ފާހަގަކޮށްފައިވާތީ އެކަމަށް ވާހަކަ ދެއްކުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ގިނަ މެންބަރުން ފާހަގަ ކުރެއްވީ މުސާރަ ކުޑަވުމުގެ ޝަކުވާއާއި ކަންބޮޑުވުމެވެ.
އަލިފުށީ ދާއިރާގެ މެންބަރު އަބްދުލްލަތީފް އަބްދުއްރަހުމާން ވިދާޅުވީ މެންބަރުންނަށް ބޮޑު މުސާރައެއް ލިބޭ ކަމަށް އާންމުންނަށް ހީވިޔަސް މަސް ނިމޭއިރު ކޮންމެ މެންބަރަކު ވެސް ތިބެނީ ”ނުތަނަވަސް“ ހިސާބެއްގައި ކަމަށެވެ.
”އާންމު ރައްޔިތުން ދެކޭ ގޮތުގައި މަޖިލިސް މެންބަރުންގެ މުސާރައަކީ އެއް ލައްކަ ރުފިޔާ ނުވަތަ 85،000 ރުފިޔާ. ހަގީގަތަކީ އަޅުގަނޑުމެންގެ މުސާރައަކީ 42،500 ރުފިޔާ. ހާޒިރު ނުވެ ސަލާމުގައި ހުންނަ ދުވަހެއް ވިއްޔާ މަޖިލީހުގެ މުސާރަ އެބަލިބިލައްވާ އެކަމު ކޮމިޓީ އެލަވަންސެއް ނުލިބޭ. އެކަމަށް ރިއާޔަތް ކުރައްވައި ކޮމިޓީއަށް ހުށަހަޅައިދިނުމަށް އެކަން ފާހަގަކޮށްލަން،“ އަބްދުއްރަހުމާން ވިދާޅުވި އެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރު އަހްމަދު ރިޔާޒް ވިދާޅުވީ ”މާލެ އެރީއާގައި ދިރިއުޅެން މި ޖެހެނީ. ލިބޭ އެލަވަންސަކަށް މި ލިބެނީ 20،000 ރުފިޔާ. އަޅުގަނޑުމެން މަޖިލިސް މެންބަރަކަށް ވީމައި އަދި އޭގެ ކުރިން ވެސް އުޅެން މި ޖެހެނީ އެންމެ ކުޑަމިނުން ތިން ރޫމް އެޕާޓްމަންޓެއްގައި. އެއި މިހާރު 24،000 ރުފިޔާ. މާނައަކީ 20،000 ރުފިޔާގެ އިތުރުން، އަތުން މިލަނީ 4،000 ރުފިޔާ،“ ކަމަށެވެ.
މަޖިލީހަށް މެންބަރުން ހާޒިރުވި ނަމަވެސް މެންބަރުންގެ މުސާރަ ހިނގާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރިޔަސް އެއީ ކުށް ހީއެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ.
އިސްދޫ ދާއިރާގެ މެންބަރު އިސްމާއީލް ޝަފީއު ވިދާޅުވީ މަޖިލިސް މެންބަރު ކަމަށް ކުރިމަތިލައިގެން ހޮވިފައި ތިބީ ”ކަނޑަށް ނުކުތުމުން ރާޅު ޖަހާނެ“ ކަން ގަބޫލުކޮށްގެން ކަމަށެވެ. އެހެންވެ މަޖިލީހުންގެ މަސައްކަތްތައް އާންމު ކުރާއިރު މަޖިލިސް އިދާރާއިން ޒިންމާދާރުކޮށް އެކަން ކުރަން ޖެހޭނެ ކަމަށް މެންބަރު ވިދާޅުވި އެވެ.
”މިފަދަ ކަންކަމަކީ ޕަބްލިކްގެ ޕްރެޝަރު ވަރަށް ބޮޑަށް އައިސްދާނެ ކަންކަމަށްވާތީ މަޖިލީހުން ވެސް އެބަޖެހޭ އަޅުގަނޑުމެން ދައްކާ ވާހަކަ ޒިންމާދާރު ގޮތެއްގައި އަންގަދޭން ނުވަތަ އަޅުގަނޑުމެން ކުރާ މަސައްކަތުގެ ތަފްސީލީ ގޮތަކަށް ހާމަވެގެންދާނެ ގޮތަކަށް އަމަލުކުރަން” ޝަފީއު ވިދާޅުވި އެވެ.
ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ވިދާޅުވީ ”މަޖިލިސް މެންބަރުންގެ މުސާރަ އާންމު ރައްޔިތުންނަށް މީގެ ކުރީގައި ވެސް އަދި މިއަދު ވެސް ގަބޫލު ކުރެވެނީ އެއީ ވަރަށް ބޮޑު މުސާރައެއްގެ ގޮތުގައި، 80،000 ނުވަތަ 90،000 ރުފިޔާ ކަމަށް. ހަގީގަތުގައި މުސާރައަކީ 42،500 ރުފިޔާ. އޭގެ ޒާތުގައި ވަޒީރަކަށް ވުރެ ވެސް ބޭސިކް ސެލަރީ ކުޑައޭ،“ ކަމަށެވެ.
ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އާއި މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރުމަށް ފަހު އެކަމުގައި ކުރިއަށްދާނެ ގޮތެއް ކޮމިޓީން ނިންމުމަށެވެ.
އެ ހުށަހެޅުމަށް އެހެން މެންބަރުން ވެސް ތާއީދު ކުރެއްވި އެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލީ ދެން އަންނަ ކޮމިޓީއެއްގައި އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށެވެ

22 Comments
ގުޅުންހުރި
އެއް ކުއްޖަކު ނުވަތަ ދެ ކުދިންނަށްވުރެ އިތުރަށް ދަރިން ނުހޯދުން ފެޝަނަކަށް
ފިރިހެނަކު ފިރިހެނަކަށް ވަނީ 65 އަހަރު ފުރުމުން: އިބްރާހިމް ހުސެއިން
އެއް ދުވަހު އިތުބާރު ނުކުރެވޭ ވެރިއަކަށް އަނެއް ދުވަހު އިތުބާރު ކުރެވިދާނެ,
މުޒާހަރާތަކަށް ނުކުމެ, ފުލުހުންނާ ކުރިމަތިލާ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލެންޖެހޭ: ފަލާހު
މީޑިއާ ބިލު ފާސްކުރުމުން ހާމަވަނީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުތިރާމް ނުކުރާކަން:
ލަންކާގެ ނޫސްވެރިން ރާއްޖޭގެ ހައި ކޮމިޝަން ކުރިމަތީ މުޒާހަރާ ކުރަން ނިންމައިފި