އޮކްޓޯބަރ 14, 2025

ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެ: ރައީސް

ލޯކަލް ކައުންސިލުތަކަށް ލިބިދީފައި އޮތް ބާރުތައް ހަނި ކުރަން ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށްފަހު، ކައުންސިލްތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކޮށް އަނެއްކާ ވެސް ގާނޫނު އިސްލާހުކުރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ދަރަވަންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކުން އާމްދަނީ ހޯދަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން ގާނޫނުގައި އޮތް ގޮތަށް ކައުންސިލަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުވަނީ ވެސް ރައްޔިތުންނަށް ސަރުކާރުން ކަންކަން ކޮށްދޭން މަގުފަހި ކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ”ކައުންސިލްތަކުން އާމްދަނީ ހޯދުމުގެ ޖާގަ އޮވޭ ގާނޫނުގައި. ވަރަށް ފުޅާކޮށް އޮވޭ. އެ ހޯދާ އާމްދަނީ މި ހޯދަނީ ކީއްކުރަންތޯ. ރައްޔިތުންނަށް ކަންކަން ކޮށްދޭން.“ ކަމަށެވެ.

ނަމަވެސް އެ އާމްދަނީން ޓެކްސް ނުދައްކާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ”އެހެންނަމަވެސް މި އާމްދަނީ ހޯދާފައި ގާނޫނުގައި ވަރަށް ސާފުކޮށް އޮވޭ ވިޔަފާރިއެއް ކޮށްފިއްޔާ އެ ވިޔަފާރިން ލިބޭ ފައިސާއިން ޓެކްސް ދައްކަން ޖެހެއޭ. ކައުންސިލްތަކުން ޓެކްސްއެއް ނުދައްކާ އާމްދަނީއަކުންނެއް. އެ ޓެކްސް ހޯދަނީ ކީއްކުރަންތޯ. ޓެކްސް އިން ލިބޭ ފައިސާއިން ރައްޔިތުންނަށް ސަރުކާރުން ކަންކަން ކޮށްދޭންވެގެން.“ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ ކައުންސިލުތަކަށް ލިބޭ އާމްދަނީން ސަރުކާރަށް ޓެކްސް ދައްކަން މަޖުބޫރުކުރުމުން އޭގެ ސަބަބުން ރައްޔިތުން ބާރުވެރިވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް، ކައުންސިލްތަކުން ލިބޭ ފައިސާ ވެސް ހޭދަކުރަނީ ސީދާ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށްކަން ފާހަގަކުރެވެ އެވެ.

ކައުންސިލްތަކުން ސަރުކާރަށް ޓެކްސް ނަގަން މަޖުބޫރުކޮށް ގާނޫނު އިސްލާހުކުރާނެކަން ސަރުކާރުން މީގެ ކުރިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ. އަދި މިފަދަ އިސްލާހެއް ލާމަރުކަޒީ ގާނޫނު އެންމެ ފަހުން އިސްލާހުކުރިއިރު ވެސް ދައްކާފައެއް ނުވެ އެވެ.

މި ސަރުކާރުން ވިޔަފާރި ކުރުމަށާއި ތަންތަން ކުއްޔަށް ދޫކުރުމަށާއި ތަރައްގީގެ ޕްރޮޖެކްޓުތައް ހިންގަން އަދި މުވައްޒަފުން ނަގަން ހުރަސްއެޅޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް، މިހާތަނަށް އެ އިސްލާހު ރައީސް މުއިއްޒު ތަސްދީގުކުރައްވާފައެއް ނުވެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި މި އިސްލާހާ ގުޅިގެން 80 އަށްވުރެ ގިނަ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މީގެއިތުރުން ބ. އަތޮޅަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުގައި ބައެއް ކައުންސިލްތަކުގެ ރައީސުން ވަނީ އެމަނިކުފާނު ހުންނެވި ޖަލްސާގައި ލާމަރުކަޒީ އިސްލާހާ ގުޅޭ ގޮތުން އެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.                   

4 Comments

  • Zahira Hasan އޯގަސްޓް 14, 2025

    Libeythaalibiganan

  • Mohamed Athyf އޯގަސްޓް 14, 2025

    Sarukaarah libey amdhanee in tax dhakkan jehyneh: rayithun

  • Misteru Freeze އޯގަސްޓް 15, 2025

    Dhathi kureven oeh gothakah dhathi kuran vaane

  • Mohamed Nizaar އޯގަސްޓް 16, 2025

    Siyaasee party thakah dhey faisaa inves tax dhakan jeheyne

Leave a Reply to Zahira Hasan Cancel reply