ވައްކަން ކުރާ މީހުންނަށް ދިމާލަށް ޑިމޮކްރަސީއެއްގައި ވަގެކޭ ގޮވެނޭ ކަމަށާއި މަގާމުތަކުގައި ތިބޭ މީހުން ޖެހޭނީ އެކަން ހަޖަމް ކުރަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން އެގޮތަށް ވިދާޅުވީ، ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. އެ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ބޭނުން އެއްޗެއް ބޭނުން ގޮތަކަށް ލިޔުމަކީ އެއްވެސް މީހެއްގެ ހައްގެއް ނޫން ކަމަށާއި މިނިވަންކަން އޮންނަން ޖެހޭނީ ވަކި ހުދޫދެއްގެ ތެރޭގައި އަނެކާގެ އިއްޒަތާއި އަބުރު ނަގާލުމަކީ އެއްވެސް މީހަކަށް އޮތް ހައްގެއް ނޫން ކަމަށެވެ.
ޔާމީން ވިދާޅުވީ ގައުމީ ދުވަހެއްގެ ހިތޯބުގައި ރައީސް މުއިއްޒު އެފަދަ ވާހަކަ ދެއްކެވީ އެ މަނިކުފާނުގެ ”ހިތްޕުޅުގައި ވަރުގަދަ ކަންތައްތަކެއް އެނބުރޭތީ“ އެވެ. ނަމަވެސް މަގާމުތަކުގައި ތިބޭ މީހުންނާ ގުޅޭ ގޮތުން ރައްޔިތުން ވާހަކަދައްކާނެ ކަމަށާއި ސިޔާސީ ކަންކަމުގައި އުޅެންވާނީ ”ހަންބޯވެގެން“ ކަމަށް ޔާމީން ވިދާޅުވި އެވެ.
”މިއުޅެނީ ޑިމޮކްރަސީއެއްގައި. ޑިމޮކްރަސީއެއްގައި ވަގަކާ ދިމާލަށް ވަގެކޭ ގޮވާނެ. ވަރަށް ގިނަ މީހުން ވަރަށް ގިނަ މީހުންނާ ދިމާލަށް ވާހަކަ ދައްކާ. އެކަމަކު އެ ޖެހޭނެ ހަޖަމްކޮށްލަން، ދެއްތޯ. ދެން އެ މީހާގެ ދިފާއުގައި އެ މީހާ ދައްކާނެ ވާހަކަ،“ ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް މިހާތަނަށް ބަލައިފައިނުވާ ކަމަށެވެ.
”ތުހުމަތު އޮތް ހިސާބުގައި ތުހުމަތު އޮންނާނެ އެ ތުހުމަތުން ބަރީއަނުވަންޏާ. މައްސަލަ ބަލާފައި އެއީ ދޮގު ތުހުމަތެއްކަން ސާބިތުނޫންތޯ ކުރަންވީ. އެކަމަކު މުއިއްޒު ބޭނުންފުޅެއް ނުވެޔޭ އެ ބެނިފިޓް ފަޒުލްއަށް ދޭކަށް. މުއިއްޒު ބޭނުންފުޅެއް ނޫނޭ އެ ބެނެފިޓް މުއާޒަށް ދޭކަށް، ނުނީ ބޯފަން އަބްދުﷲއަށް ދޭކަށް.“ ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ އަބުރާއި އިއްޒަތް ރައްކާތެރިކަން ކުރަން ޖެހެނީ އަމިއްލަފުޅަށް ކަމަށާއި އެހެން މީހަކު އެފަދަ ކަންކަމުން އެ މަނިކުފާނު ސަލާމަތްކޮށްދިނުމަށް ނާންނާނެކަމަށް ޔާމީން ވިދާޅުވިއެވެ.
”އެހެން މީހަކު ނާންނާނެ މުއިއްޒުގެ އަބުރު ރައްކާތެރިކުރުމަށް. ފަޒުލްގެ އަބުރު ރައްކާތެރި ކުރައްވާނީ ފަޒުލް. އަޅުގަނޑުމެންގެ ހައްގެއް (ވަގުންނަށް ވަގޭ ގޮވުން).(ރައީސް) ވިދާޅުވަނީ ހައްގެއް ނޫނޭ. އެއީ ރަނގަޅު ވާހަކައެއް ނޫން. ޕަބްލިކް އޮފީސް ހޯލްޑް ކުރާ ކަމުގައިވާ ނަމަ، އެލިގޭޝަން އަންނާނެ، ތުހުމަތު އަންނާނެ،“ ޔާމީން ވިދާޅުވި އެވެ.
”އެއީ އިދިކޮޅުގައި ތިބެގެން އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް. އަދި އެއްކޮޅުގައި ތިބޭ މީހުން ވެސް ކޮރަޕްޝަނާއި މިކަހަލަ ކަންކަން އައިމަ، އެ ވާހަކަ ދައްކާނެ.“
ސަރުކާރަށް ތުހުމަތުވާ ކޮރަޕްޝަންގެ މައްސަލަތަކުގައި އެކަށީގެންވާ ވަރަށް ސަރުކާރަށް ދިފާއުގައި މަސައްކަތް ކުރެވިފައިނުވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

2 Comments
ގުޅުންހުރި
ހދ. އަތޮޅު ޓޫރިޒަމް ފައްކާ އަތޮޅަކަށް ހެދުމުގެ މަސައްކަތް ފަށައިފިން: ރައީސް
ވެރިކަން ނިމެންދެން ޔާމީން ދިޔައީ ވިލާއަށް އަނިޔާވެރިވަމުން: ގާސިމް
މިނިވަންކަމުގެ ނަމުގައި ބޭނުންހާ އެއްޗެއް ލިޔެ ނުހެދޭނެ: ރައީސް
ޕީއެންސީ މަޖިލިސް މެންބަރުންގެ ނަފުސުގެ އިއްޒަތެއް، ކަރާމާތެއް ނެތް: ޔާމީން
މަޑިވަރު ފިނޮޅު ހިމާޔަތްކޮށް، ރަސްދޫ ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން: ރައީސް
ފެބްރުއަރީ މަހު ތޮއްޑޫގައި ސީޕްލޭންގެ ހިދުމަތް ފަށަނީ