ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫން ކަމަށް އައިޖީއެމްއެޗް އިން ބުނެފި އެވެ.
އައިޖީއެމްއެޗް އިން އެހެން ބުނެފައިވަނީ ”ލޫޓުވައިފި, ލޫޓުވައިފި“ ނަމުގައި އެމްޑީޕީން މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވި އެމްޑީޕީ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް މުހައްމަދު ރަސްލާނަށް ހާޓް އެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދޭންޖެހުނީ އޭނާގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހުމުން ކަމަށް ބުނެ ފުލުހުންނަށް ތުހުމަތު އަމާޒުވުމުންނެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ, ހާޓް އެޓޭކެއް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި ހިތުގެ ލޭހޮޅިތައް ނުވަތަ ލޭހޮޅިއެއް ބެދި, ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށެވެ. އެހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ, ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކެއްގެ ސަބަބުން ކަމަށްވެސް ބުންޏެވެ.
”ޕެޕާ ސްޕްރޭ ޖެހުމުން ވަގުތީ ގޮތުން ނޭވަޔަށް އުދަނގޫކޮށް, ކެންސައި އަދި މިފަދަ ސްޓްރެސް ރެސްޕޮންސްތައް އައި ނަމަވެސް ޕެޕާ ސްޕްރޭއަކީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ އެއްޗެއް ނޫނެވެ,“ ދިވެއްސާއި އިނގިރޭސި ބަހުން ލިޔެ ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
އައިޖީއެމްއެޗް އިން ބުނީ, ރޭގެ މުޒާހަރާގައި ހާޓް އެޓޭކެއް ޖެހުނު މީހާއަށް ފަރުވާދީ, ހާލު ރަނގަލުވެ އޭނާ މިހާރު ކްރިޓިކަލް ކެއާ ޔުނިޓުގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ.

19 Comments
ގުޅުންހުރި
ނަފުސާނީ ބަލި މީހަކު، އޭނާގެ ބައްޕައަށް ތޫނު އެއްޗަކުން ހަމަލާދީފި، އިތުރު
5 އަހަރު ފަހުން ލިބުނު ދަރިފުޅު މަރުވީ އައިޖީއެމްއެޗުގެ އިހުމާލުން؟ މައްސަލަ
ޕޮލިސް ޓްރެއިނިންގައި އުޅެނިކޮށް ހާލު ސީރިއަސްވި މީހާ ވެންޓިލޭޓަރަށް ލައިފި
އައިޖީއެމްއެޗްގައި ހަދާ 75 އެނދުގެ ވޯޑުގެ 90 ޕަސެންޓް މަސައްކަތް ނިމިއްޖެ
ފިހުނު ދެމަފިރިންނަށް ފަރުވާ ދިނުމަށް އިންޑިއާގެ ޓީމެއް ރާއްޖެ އަތުވެއްޖެ
އައިޖީއެމްއެޗުން، ހައުސިން މިނިސްޓްރީއަށް ޑަސްބިންތަކެއް ހަދިޔާކޮށްފި