ޖެނުއަރީ 12, 2026

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ، ރައީސް ވިދާޅުވީ މިއީ ބިޔަ މަޝްރޫއުއެއް ކަމަށް

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް އަންނަ އަހަރު ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ. މަހިބަދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ނިޒާމު ތަރައްގީކޮށް، މީހުންގެ ވިސްނުމާއި ސިކުނޑި އާއި އުޅުމާއި ގުޅުންވެސް ތަރައްގީވާންޖެހޭ ކަމަށެވެ.

އެގޮތުން ދިވެހީންގެ ތެރޭގައި އެކަކު އަނެކަކަށް އޮންނަ އިހުތިރާމު އަދާކުރުމުގެ އާދައަކީ ކުރީން ދިވެހީންގެ ތެރޭގައި ފަހުރުވެރިކަމާއެކީގައި ބަލައިގަންނަ ކަމެއް ކަމަށާއި ކުރިން ދިވެހީންނަކީ އެކަކު އަނެކަކަށް ވަރަށް ލޯތްބާއި ކުލުނާއި ހިނިތުންވުމާއެކު އަޅާލައި ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ސިޔާސީ އޮއިވަރެއްގެ ތެރެއަށް މީގެ އެތައް އަހަރެއް ކުރިން ވަދެގެން ދާން ފެށިގޮތަށް ގޮސް، މިހާރު އޮތީ އިހުތިރާމު އަދާކުރުން ވަރަށް ބޮޑަށް ވެއްޓިފައި ކަމަށެވެ.

”ސަރުކާރުން ބޭނުން މި އަންނަ އަހަރުގެ ތެރޭގައި މިއީ އަތްލެވޭ މަޝްރޫއެއް ނޫން، އެހެން ނަމަވެސް ބިޔަ މަޝްރޫއެއްގެ ގޮތުގައި އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން، ރެސްޕެކްޓް ކެމްޕޭނެއް ފަށަން. މިކަމުގައި ހުރިހާ ރައްޔިތުންނާއި ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި ސިވިލް ސޮސައިޓީގެ ހުރިހާ އެންޖީއޯތަކާއި ހުރިހާ ފަރާތްތައް ބައިވެރިވާން އަޅުގަނޑު ގޮވާލަން، ސިޔާސީ ޕާޓީތަކާއި ހުރިހާ ފަރާތްތައް،“ އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުގައި ހުރިހާ އެންމެ ބައިވެރިވެގެން އެކަކު އަނެކަކަށް އިހުތިރާމު އަދާކުރުމުގެ އާދަ ގެނެސް، މި ގައުމުގެ ދިވެހީންގެ ތެރޭގައި ކުރީގައި އޮތް އިހުތިރާމު އަދާކުރުން އަނބުރާ ގެންނަން ޖެހޭ ކަމަށެވެ. އަދި އޭގެ ހަގީގީ ނަތީޖާ ނުކުންނާނީ އެންމެން އެކަމުގައި ބައިވެރިވެގެން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

2 Comments

  • Mariie Mohamed އޮކްޓޯބަރ 8, 2025

    Heyonuvaane..haha

  • Misteru Freeze އޮކްޓޯބަރ 12, 2025

    Furathama fashaa hurihaa party thakegge activistunnah. Starting with Malsha Shareef and co. Then ehen party thakah 😂

Leave a Reply to Misteru Freeze Cancel reply