ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް އެމްޑީޕީގެ މެންބަރު އައިޝަތު ޝިމަންގެ ފޯނުން ފޮޓޯއެއް ލީކު ކޮށްލީ ފުލުހުން ކަމަށް ބުނެ ކުރާ ތުހުމަތު އެ އިދާރާ އިން ދޮގުކޮށްފި އެވެ.
ކޯޓު އަމުރެއް ދެއްކުމަށްފަހު ޝިމަންގެ ފޯނު ފުލުހުން އަތުލީ އޭނާ ދިރިއުޅޭ ގެ ކައިރީގައި މަގުމަތީގައި ހުއްޓައި މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު 12 ޖަހާކަން ހާއިރު އެވެ. އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ 24 ގަޑިއިރު ނުވަނީސް ކާކުކަން ނޭނގޭ ގޮތަށް ހަދާފައިވާ އެކްސް އެކައުންޓަކުން ވަނީ އެ ފޯނުގައި ހުރި ކަމަށް ޝިމަން ބުނާ އޭނާގެ ފޮޓޯއެއް ލީކު ކޮށްލައިފަ އެވެ.
އެ ތުހުމަތާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ އިދާރާ އިން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ބެލުމުގެ ދަށަށް ގެންދާ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވިފައިވާ ކަމަށެވެ. އެ އުސޫލުތަކުގެ ދަށުން އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކުރެވިފައިވާ ކަމަށްވެސް ބުންޏެވެ.
”އެހެންކަމުން، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. ވީމާ، ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެކެވެ.“ ފުލުހުންގެ ބަޔާނުގައިވެ އެވެ.
ފުލުހުން ބުނީ، އެ އިދާރާގެ ތަހުގީގުތައް ކުރިއަށް ގެންދަނީ ޕްރޮފެޝަނަލް ކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. އަދި އެ ހިދުމަތުގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދޭ ކަންކަން ކަމަށްވެސް ބުންޏެވެ.




6 Comments
ގުޅުންހުރި
15,000 ރުފިޔާ ދޭނަމޭ ބުނުމުން ހަވާލުވި ލަގެޖުގައި ޑުރަގް!
ސިނގިރޭޓް ވައްކަން: ކޮންޓޭނަރުތައް ވަގަށް ނެގުމަށްފަހު އެއާ އެއްގޮތަށް ހަދާފައިވާ ދެ
ހަވަނަ ބުރީގެ ސިޑިގޮޅިން މީހަކު ވެއްޓި މަރުވެއްޖެ
ޑޮލަރު ސޫޓް ކޭސް ފޭރިގެން މައްސަލަ: ހައްޔަރުކުރި 4 މީހުންގެ ފޮޓޯ
281 ބަނގުރާ ފުޅި އާއެކު ބަނގުރާ ވިއްކާ ބޮޑުންތަކެއް ހައްޔަރުކޮށްފި
އައްޑޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ދެމަފިރިން!