އޮކްޓޯބަރ 15, 2025

ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައި ވަނިކޮށް އޭސީޕީ ދާއޫދު ޗުއްޓީއަށް

ހުޅުމާލެ ޕޮލިސް ހިންގުމާ ހަވާލުވެ ހުންނެވި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ދާއޫދު މިއަދު ޗުއްޓީއަށް ވަޑައިގެންފި އެވެ.

އޭނާ ޗުއްޓީއަށް ވަޑައިގެންފައި މިވަނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން މިއަދު އާންމުކޮށްފައި ވަނިކޮށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު މީޑިއާއަށް ބުނި ގޮތުގައި ދާއޫދު ޗުއްޓީއަށް ވަޑައިގަތުމުން ހުޅުމާލެ ޕޮލިސް ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) އާއެވެ.

ދާއޫދަށް ތުހުމަތުވާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ފައިސާ ލިބި, 14.5 މިލިއަން ރުފިޔާގެ އެސެޓް ހޯދާފައިވެ އެވެ. އަދި މިދިޔަ ދެ އަހަރު ތެރޭގައި ދާއޫދަށް ކާކުގެ ފަރާތަކުން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމަށްވެސް ތުހުމަތު ކުރެވެ އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ ގޮތުން އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްމަކާއި ހިޔާނާތުގެ މައްސަލަަތަކުގައި ބައިވެރިވުމާއި އެކަމުން މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ 280 މީހުންގެ ތެރޭގައި ދާއޫދުގެ ނަންވެސް ހިމެނެ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން އެ ލިސްޓުގައި ނަން ހިމެނޭ ފަރާތްތަކަކީ ތަހުގީގަށް ލިބިފައިވާ މައުލޫތާތުތަކަށް ރިއާޔަތްކޮށް ޖިނާއީ ނުވަތަ މަދަނީ ދައުވާ އުފުލުމުގެ ފުރުސަތު އޮތް ފަރާތްތަކަކެވެ. އެ މައްސަލަ އެހެން އޮއްވައި އޭސީޕީގެ މަގާމަށް ދާއޫދު ޕްރޮމޯޓްކުރީ މި ސަރުކާރުންނެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގަ އެވެ.