މޯލްޑިވްސް ކަސްޓަމްސް އިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު, މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުއްޓައި ވަގަށް ނެގި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 40 ފޫޓުގެ ދެ ކޮންޓެއިނަރު ސިނގިރެޓް ގެއްލުނީ އެމްޕީއެލްގެ ހުޅުމާލެ ބަނދަރުގައި ހުއްޓަ އެވެ. ގެއްލުނު ކޮންޓެއިނަރުގައި 13.6 މިލިއަން ސިނގިރޭޓް ހުއްޓެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ ނުވަވަނަ ދުވަހު އެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގަށް މިހާތަނަށް 12 މީހެއް ފުރުން މަނާކުރެވި، ބައެއް އުޅަނދުތަކާއި ތަންތަން ބަލައިފާސްކުރެވިފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅިގެން، އެކަން ރާވައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ހަތަރު މީހަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
އެ ހަތަރު މީހުންނަކީ މއ. އެވާ ގްލޯރީ/ ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ)، ބ. އޭދަފުށީ/ ދިގަލި، ވިޔަފާރިވެރިޔާ ދިގަލި މުހައްމަދު ވަހީދުގެ އިތުރުން ހ. ނިއު ހެޕިނަސް، މުއާޒު އަލީ އަދި ހދ. ވައިކަރަދޫ/ މެދުރީގެ، ޒިވާރު އިސްމާއިލް އެވެ.

ފުލުހުން މިއަދު ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އާއްޓޭ އާއި ޒިވާރުގެ ބަންދަށް 15 ދުވަސް އަދި ދިގަލި ވަހީދުގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި މުއާޒުގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.




9 Comments
ގުޅުންހުރި
ވަގަށް އަނބު ބިން މީހަކު ހަތް މަހަށް ޖަލަށް
ބައްސާމުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެެއް ސާބިތުވެއްޖެ
ރުގްޔާގެ ނަމުގައި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ދެ މީހަކަށް ހުކުމްކޮށްފި
ޔާމީން ރަޝީދުގެ މަރު: ހައި ކޯޓުން ދޫކޮށްލި ދެ މީހުން ޝަރީއަތް
ޒުވާން ވިޔަފާރިވެރިޔާ މަންޑޭ 397 އަހަރަށް ޖަލަށް!
މަންޑޭއަށް ހުކުމްކުރުން މާދަމާ