ލިޔެކިޔުން ފޯޖުކޮށްގެން، މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދަން ސެންޓަ އެންޓަޕްރައިސަސްއިން މަސައްކަތްކުރާކަމުގެ ތުހުމަތުކޮށް، އެ މައްސަލަ އޮޑިޓާ ޖެނެރަލް ފާހަގަކުރުމުން، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
އެ މައްސަލައަކީ ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސް (ޑީއެމްއެސް) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، 2006 އިން 2010 ވަނަ އަހަރާ ދެމެދު ރަށްރަށުގެ ހެލްތު ސެންޓަރުތަކަށާއި ހެލްތު ޕޯސްޓްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ފޯރުކޮށްދީފައިވާ ސިއްހީ ހިދުމަތާބެހޭ ސާމާނުތަކަށް ދައުލަތުން ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން 28 މާޗް 2023 ގައި ކުރި ހުކުމްގައި ވަނީ، އެ ތަކެއްޗަށް ދައްކަން ޖެހޭ ކަމަށް ސެންޓަ އެންޓްޕްރައިސަސް އިން ބުނެފައިވާ ދެ މިލިއަން ޑޮލަރަކީ ދައުލަތުން ދައްކަން ޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ކުންފުންޏަށް ފައިސާ ލިބިދިނުމުގެ ގޮތުން އެ އަހަރުގެ އޭޕްރީލް މަހުގެ 28 ގެ ކުރިން އެ ފައިސާ ސިވިލް ކޯޓަށް ދައްކަން އަމުރުކުރާ ކަމަށެވެ.
އެ ހުކުމާ ގުޅިގެން ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވެސް ވަނީ ސިވިލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. އަދި ދާދިފަހުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައެވެ.
އޮޑިޓާ ޖެނެރަލްގެ އޮފީހުން އިއްޔެ އާންމުކުރި އޮޑިޓް ރިޕޯޓުގައި އެ މައްސަލައިގައި ސެންޓަ އެންޓަޕްރައިސަސް އިން ހުށަހެޅި ލިޔެކިޔުންތައް ފޯޖުކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން ސެންޓަ އެންޓަޕްރައިސަސް އިން ހުށަހަޅާ ލިޔެކިޔުންތަކުގައި ޑީއެމްއެސްގެ އެސިސްޓަންޓް ޕްރޮޖެކްޓް މެނޭޖަރުގެ ގޮތުގައި ”އައިޝަތު ހަލީމް“ގެ ނަމުގައި ސޮއިކޮށްފައިވީ ނަމަވެސް، އެ ނަމުގައި ޑީއެމްއެސް އަދި ހެލްތު މިނިސްޓްރީގައި ވެސް މުވައްޒަފަކު މަސައްކަތްކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޭގެ އިތުރުން އައިޝަތު ހަލީމްގެ ނަމުގައި ސޮއިކޮށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެކި ލިޔެކިޔުންތަކުގައި އެ ފަރާތުގެ މަގާމުގެ ނަން އެކި ނަންނަމުގައި ބަޔާންކޮށްފައިވާ ކަމަށާއި 2008 ވަނަ އަހަރުގެ ތެރޭގައި ޑީއެމްއެސްއަށް ސަޕްލައިކުރި ކަމަށްބުނާ އައިޓަމްތަކުގެ ތެރެއިން އެއްބަސްވުމުގައި ސޮއިކުރި ތާރީހާއި އެ ކުންފުނިން ހުށަހަޅާފައިވާ ޑެލިވަރީ ނޯޓުގެ ތާރީހާ ދެމެދު ސެންޓަ އެންޓަޕްރައިސަސްގެ ނަމުގައި އެހާތަނަށް އެތެރެކޮށްފައިވަނީ ހަމައެކަނި ހަތަރު އައިޓަމް ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އޮޑިޓް ރިޕޯޓުގައި ބުނީ ސެންޓަ އެންޓަޕްރައިސަސް އިން ކޯޓަށް ހުށަހަޅާފައިވާ އެ ކުންފުނީގެ އިންވޮއިސްތަކުގައި ޑީއެމްއެސްގެ ފަރާތުން ތަކެއްޗާ ހަވާލުވި ފަރާތަކީ ވެސް އައިޝަތު ހަލީމް ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން އޮޑިޓާ ޖެނެރަލްގެ އެންގުމުގައި ބުނެފައިވަނީ، ސެންޓަ އެންޓަޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ސާބިތުކުރުމަށް ހުށަހެޅި ލިޔެކިޔުންތަކަކީ ފޯޖުކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ކަމަށް ބެލެވޭ ގިނަ ކަންތައްތަކެއް ފާހަގަކުރެވޭތީ އާއި، އެ ލިޔެކިޔުންތަކެއް ރާއްޖޭގެ ކޯޓުތަކަށް ހުށަހަޅައިގެން ދައުލަތަށް ފޯރުކޮށްނުދޭ މަދަލަކަށް މަކަރާއި ހީލަތުން ދައުލަތުން ފައިސާ ހޯދުމަށް މަސައްކަތްކުރާ ކަމަށް ބެލެވޭތީ، އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގެ ފޮރެންސިކް އެނަލިސިސް ހެދުމަށާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންނަށް ހުށަހެޅުމަށް ދަންނަވާ ކަމަށެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސެންޓަ އެންޓަޕްރައިސަސް އިން 2021 ވަނަ އަހަރުގައާއި 2022 ވަނަ އަހަރުގައި ދިވެހި ދައުލަތާ ދެކޮޅަށް ޖުމުލަ ހަތަރު ދައުވާއެއް ސިވިލް ކޯޓަށް ހުށަހެޅި ކަމަށެވެ އެ ހަތަރު ދައުވާގައި ސެންޓަ އެންޓަޕްރައިސަސް އިން ހުށަހެޅި ލިޔެކިޔުންތަކުގެ ސައްހަކަމާ މެދު، އަދި ބައެއް މުއާމަލާތްތަކުގެ ސައްހަކަމާމެދު ސުވާލު އުފެދޭތީ، އެ މައްސަލަތައް 04 ސެޕްޓެންބަރު 2022 ގައި އަދި އޭގެ ފަހުންވެސް ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް އޭޖީން ބުންޏެވެ.
އޭގެ އިތުރުން ހަމަ އެ ތާރީހުގައި އެ މައްސަލަތައް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ސަމާލުކަމަށް އެ އޮފީހުން ގެނެސްފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އޭޖީ އޮފީހުން ބުނީ އޮޑިޓް ރިޕޯޓުގައި ސެންޓަ އެންޓަޕްރައިސަސް އިން ފޯޖުކޮށްގެން އުފައްދާފައިވާ ސައްހަ ނޫން ލިޔެކިޔުންތަކެއް ޝަރުއީ ކޯޓުތަކަށް ހުށަހަޅާފައިވާ ކަމަށް އޮޑިޓަ ޖެނެރަލްއަށް ބުރަވެވޭ ކަމާއި، އެފަދައިން އެ ކުންފުނިން ޢަމަލުކޮށްފައިވަނީ މަކަރާއި ހީލަތުން ދައުލަތުގެ ކިބައިން ފައިސާ ހޯދުމަށް ކަމަށް އޮޑިޓަ ޖެނެރަލް ފާހަގަކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހަށް ހުށަހެޅުމަށް އޮޑިޓަ ޖެނެރެލް އިރުޝާދު ދެއްވާފައިވާތީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ އެންމެހައި ކަންކަމަށް ރިއާޔަތްކުރައްވައި ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި މިއަދު ފުލުހަށް ހުށަހަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ގުޅުންހުރި
ސިނގިރޭޓު ވައްކަން: މުއާޒް އިތުރު ދިހަ ދުވަހަށް ބަންދުކޮށްފި
70 ރަބަރު ޕެކެޓާއި 1.2 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި
އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާ ގުޅޭ ބިލެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި
މާލޭގައި މާރާމާރީ ހިންގި ދެމައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި
އެމްޑީޕީގެ އެއްވުމަށް ގުރޫޕުތައް ނެރެ ހަލަބޮލިކުރަން ދަނީ ރާވަމުން، އެ ފުރުސަތެއް
ގދ. ގަމުން ޑިންގީއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލިގެން ހޯދަނީ