ޑިސެމްބަރ 6, 2025

ހަންކެޑެގެ ސައިޒު 11.78 ހެކްޓަރަށް ބޮޑުކޮށް، އަލުން ޓޫރިޒަމަށް ހުޅުވާލައިފި

ހަންކެޑެ ސަރަހައްދު --

ރިސޯޓު ތަރައްގީކުރުމަށް ދޫކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ އައްޑޫ ސިޓީގެ ހަންކެޑެގެ ބިމުގެ ސައިޒް ބޮޑުކޮށް، އަލުން އެތަން ޓޫރިޒަމަށް ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން މިއަދު ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން މީގެ ކުރީން ކުރި އިއުލާނުގައިވާ ގޮތުން ހަންކެޑެގެ ބޮޑުމިނަކީ 7.06 ހެކްޓަރެވެ. ނަމަވެސް މިއަދުގެ އިއުލާނުގައި ހަންކެޑެގެ ބޮޑުމިނަކީ 11.78 ހެކްޓަރެވެ.

ހަންކެޑެގައި ތަރައްގީކުރަނީ 1،000 އެނދުގެ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެކެވެ. ހަންކެޑެގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އަލުން ހުޅުވާލާފައިވާ އިރު، އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ އެ މިނިސްޓްރީގެ އީމެއިލް proposals@tourism.gov.mv އަށް އީމެއިލްކޮށްގެން ސާފުކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ހަންކެޑެގައި ރިސޯޓު ތަރައްގީކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވައިދުގެ ތިންވަނަ މާއްދާގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް މިދިޔަ އަހަރުގެ މެއި 30 ވަނަ ދުވަހު ނެރުނު އިއުލާނަށް އިސްލާހު ގެނެސްގެންނެވެ.

ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން އިއުލާންކުރައްވައިފައެވެ. އަދި އައްޑޫ ސިޓީގެ ހަންކެޑެ އަކީ ”ހަލާލް ޓޫރިޒަމް“އަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.