ޑިސެމްބަރ 6, 2025

ސަރުކާރުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާ ދައްކަންޖެހޭ 

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ކޮމިޓީ ބައްދަލުވުމުގައި -- ފޮޓޯ: މަޖިލިސް އިދާރާ

ސަރުކާރުން އެޗްޑީސީއަށް ދިހަ ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް އެ ކުންފުނިން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރި ރިޕޯޓުގައި ފާހަގަކޮށްފިއެވެ.

އެޗްޑީސީގެ އިސްވެރިން ހާޒިރުކުރި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ ރިޕޯޓުގައިވާ ކަންކަން ފާހަގަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރި ގޯތިތަކުގެ ބިމަށް ދޭންޖެހޭ ފައިސާ އާއި، ފްލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން ދޭންޖެހޭ ފައިސާ ހިމެނޭ ގޮތަށް ގިނަ އަދަދަކަށް ސަރުކާރުން ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމަށެވެ.

އެގޮތުން އެޗްޑީސީއަށް ސަރުކާރުން ދައްކަންޖެހޭ ފައިސާގެ ތެރޭގައި 4.3 ބިލިއަން ރުފިޔާ އާއި، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން ދޫކުރި ގޯތިތަކުގެ ބިމަށް ސަރުކާރުން ދޭން ޖެހޭ 1.7 ބިލިއަން ރުފިޔާ އާއި، ހިޔާ އަދި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރަން ސަރުކާރުން ނިންމުމުން ސަރުކާރުން ދޭން ޖެހޭ 3.9 ބިލިއަން ރުފިޔާ ހިމެނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އޭގެ އިތުރުން އެޗްޑީސީގެ ކޮމާޝަލް ކަސްޓަމަރުންގެ ގޮތުގައި ތިބި 500 އަށްވުރެ ގިނަ ކަސްޓަމަރުންގެ ފަރާތުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ޖޫރިމަނާ ނުހިމަނައި 976 މިލިއަން ރުފިޔާ އެޗްޑީސީއަށް ލިބެންޖެހޭ ކަމަށެވެ. އަދި ވިޔަފާރިތަކާއި ސޯޝަލް ހައުސިން އިން ލިބެންޖެހޭ ކުއްޔާއެކު މުޅި ޖުމުލަ 2.7 ބިލިއަން ރުފިޔާ އެޗްޑީސީއަށް ލިބިފައިނުވާ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ވިދާޅުވީ، އެ ކުންފުންނަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ބޮޑު ބައެއް މިހާރު ހޯދިފައިވާ ކަމަށެވެ. އަދި އެޗްޑީސީއަށް ފައިސާ ދައްކަން ޖެހޭ ފަރާތްތަކުގެ ތެރެއިން 19 ފަރާތަކާ ދެކޮޅަށް ދައުވާ އުފުލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.