ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން މަޖިލީހަށް ހުށަހެޅި މި ބިލުގެ މަގުސަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމުގެ ކަންކަން ކުރުމަށް މަގުފަހިކުރުމެވެ.
އަދި ޖަނަވާރުގެ ސިއްހަތާގުޅޭ ކަންކަމުގައި އަމަލުކުރަންވީ ގޮތާއި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީޔާއިން އިންސާނުންނަށްޖެހޭ ބަލިތަކުން ރައްކާތެރިވުމާގުޅޭ އުސޫލުތަކާއި ރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި އެއްތަނުން އަނެއް ތަނަށް ގެންދިއުމާއި ރާއްޖެއިން ބޭރަށް ގެންދިއުމާގުޅޭ އުސޫލުތައް ކަނޑައެޅުމަކީވެސް މި ބިލުގެ މަގުސަދެކެވެ.
މި ބިލުގައި ހާއްސަ ހުއްދަ ބޭނުންވާ ޖަނަވާރުގެ ބާވަތްތަކާއި ޖަނަވާރު އެތެރެކުރުމުގެ ޝަރުތުތަކާއި މިންގަނޑުތައް ބަޔާންކުރާ ގަވާއިދުތައް ހެދުމާއި ޖަނަވާރު ކަރަންޓީނު ކުރުމާއި އިމްޕޯޓު ޑިއުޓީ ދެއްކުން ލާޒިމް ނޫން ބަވާތްތަކާއި ހާއްސަ ބޭނުންތަކަށް އެތެރެކުރާ ޖަނަވާރުތައް ހިމަނާފައިވެ އެވެ. މީގެ އިތުރުން ފަތުރުވެރިންނާ އެކު ވަގުތީގޮތުން ޖަނަވާރު އެތެރެ ކުރެވޭނެ ގަވާއިދުތައް ހެދުމަށްވެސް ހިމަނާފައިވެ އެވެ.
ބިލުގައިވާ ގޮތުން ރިޕޯޓްކުރަންޖެހޭ ބައްޔެއް ޖެހިފައިވާ ނުވަތަ އެފަދަ ބައްޔެއް އުފުލާފާނެ އެއްވެސް ޖަނަވާރެއް ނުވަތަ ޖަނަވާރުގެ ބައެއް ވިއްކުމާއި ވިއްކަން ބެހެއްޓުމާއި ޖަނަވާރުގެ މެދުގައި ފެތުރޭ, ރިޕޯޓްކުރަންޖެހޭ އެއްވެސް ބައްޔެއް ނުވަތަ އެ ބަލިޖައްސާ އަސްލު, ގަސްދުގައި ރާއްޖެއަށް ތައާރަފުކުރުން ނުވަތަ ފެތުރުން ނުވަތަ ގަސްދުގައި އެއިން ކަމަކަށް ފުރުސަތު ދިނުމަކީވެސް މަނާ ކަމެކެވެ.
އަދި އެފަދަ އެއްވެސް އަމަލެއް ކޮށްފިނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ. މީގެ އިތުރުން ގާނޫނާ ހިލާފަށް ޖަނަވާރު އިމްޕޯޓްކުރުމާއި އެކްސްޕޯޓްކުރުން މަނާކޮށްފައިވާއިރު އެފަދަ ކަމެއް ކޮށްފި ނަމަ 500,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެ އެވެ.
ބިލުގައި ބުނެފައިވާ ގޮތުން ގާނޫނާ ހިލާފަށް ޖަނަވާރެއް ވިއްސައި އާލާކުރާ ނަމަ އަދި ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅުމާއި ސާމްޕަލް އޮޅުވާލައިފި ނަމަ 100,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ޖަނަވާރަށް އަނިޔާއެއް ދިނުމާއި އާންމު ތަނަކަށް ދޫކޮށްލައިފި ނަމަ 50,000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.




101 Comments
ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް