ޖެނުއަރީ 8, 2026

މުދައްރިސުންނަށްވުރެ އަބުރުވެރި، އިއްޒަތްތެރި ބަޔަކު ނޫޅޭނެ: މިނިސްޓަރު

މުދައްރިސުންނަށްވުރެ އަބުރުވެރި، އިއްޒަތްތެރި ބަޔަކު ނޫޅޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެހެން ވިދާޅުވެފައިވާ އިރު، އެކި ދުވަސްވަރު މަތިން މުސާރައިގެ ފަރަގު ފާހަގަކުރަމުން އެހެން ދާއިރާތަކުގެ މީހުންވެސް އުފެދެނީ މުދައްރިސުންގެ މަސައްކަތުން ކަމަށް ބުނެ ސޯޝަލް މީޑިއާ ފަދަ ޕްލެޓްފޯމުތަކުގައި އެކަމުގެ ބަހުސްތައް ކުރެވެމުންދެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މުދައްރިސުންނަށް ތައުރީފުކުރައްވައި ވާހަކަދައްކަވަމުން ޝަފީއު ވިދާޅުވީ ތައުލީމީ ނިޒާމުގެ ހަގީގީ މޭސްތިރިންނަކީ މުދައްރިސުން ކަމަށާއި ތައުލީމު ދިނުމުގެ މަސައްކަތް ފަސޭހަ ކަމާއެކުގައި މި ރާއްޖޭގައި ގާއިމުކުރެވިފައި މި އޮތީ މުދައްރިސުންގެ މަސައްކަތުން ކަމަށެވެ.

”މުދައްރިސުންނަށްވުރެ އަބުރުވެރި، އިއްޒަތްތެރި، ގަދަރުވެރި ވަޒީފާއެއް އަދާކުރާ ބަޔަކު ނުތިބޭނެ. އެއީ ޑޮކްޓަރެއް ވެސް މި އުފެދެނީ މުދައްރިސެއްގެ މަސައްކަތުން، ނަރުހެއް ވެސް އުފެދޭނީ މުދައްރިސުންގެ މަސައްކަތުން، އިންޖިނިއަރެއް ކަމުގައިވިޔަސް، ޕައިލެޓެއް ކަމުގައިވިޔަސް، އަދި އެއީ އެކައުންޓަންޓެއް ކަމުގައިވިޔަސް، މިކަމުގައި ވެސް އެންމެ ބުރަ މަސައްކަތެއް ކުރައްވާ ފަރާތްތަކަކީ މުދައްރިސުން،“ މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހުރިހާ ދާއިރާތަކުން ވެސް ފެންނަނީ މުދައްރިސުން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށާއި އެހެންކަމުން މުދައްރިސުންގެ ގާބިލުކަން އިތުރުކުރަންޖެހޭ ކަމަށެވެ. އެގޮތުން މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް މިއިން ޒަމާނަކު ދުވަސްތައް ހިމަނާފައި ނެތް މިންވަރަށް އެކަޑަމިކް ކަލަންޑަރުގެ ދުވަސްތައް ހިމަނާފައި ކަމަށް ވިދާޅުވި އެވެ.

މުދައްރިސުން އުފެއްދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ނަމަވެސް މުދައްރިސުން އުފައްދައި، އެކަމަށް ޝައުގުވެރިކަން އުފެއްދުމަށް އެންމެން ވެސް ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

4 Comments

  • Fathimath Binth Ibrahim ނޮވެމްބަރ 20, 2025

    Flat bahan v ma teacharun ge handhaaneh nuhurey

  • Abdullah Khalidh ނޮވެމްބަރ 21, 2025

    Eikan engey mudhahrisunnaamedhu kankan bahahtavaa gothunna gavaaidhu thah huri gothun.

  • Hussain Be ނޮވެމްބަރ 21, 2025

    gabooleh nukurevey aharemenge dharinge hurihaa zinmaaeh naganie abey fulhun musaara ves Kuda

  • Azhym Mohamed ނޮވެމްބަރ 23, 2025

    ގޯނިފުލަށްލުންތަ ކިޔަންވީ

Leave a Reply to Abdullah Khalidh Cancel reply