”ވާނުވާ“ގައި ތިބީ ބޮޑެތި ކުށްތަކުގެ މީހުން، އެމީހުން ދޫކޮށްލާކަށް ނުވާނެ: ރައީސް 

”ވާނުވާ“ ބަންދުގައި މިވަގުތު ތިބީ ބޮޑެތި ކުށްތަކުގެ ތުހުމަތުގައި ތިބި މީހުން ކަމަށާއި އެމީހުން ބަންދުން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ، މާފަންނު ރައްޔިތުންނާއެކު ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ބައްދަލުވުމުގައި މީހަކު ހިއްސާކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ.

އޭނާގެ ވާހަކައިގައި ބުނީ ވާނުވާ ބަންދުގެ މައްސަލަ ނިމުމަކަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވީ ނަމަވެސް، އެ މަނިކުފާނު އެ ވައުދު ފުއްދަވާފައިނުވާ ކަމަށެވެ. އަދި ވާނުވާ ބަންދު އުވާލުމަކީ ރައީސަށް ފަސް މިނެޓު ތެރޭގައި ކޮށްލެވޭނެ ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ ޝަރީއަތް ނިމެންދެން މިވަގުތު ބަންދުގައި ތިބީ 347 މީހުން ކަމަށާއި އެމީހުން ބަންދުގައި ތިބީ މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކާއި މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ޓްރެފިކިންގެ މައްސަލަތައް އަދި މަނީލޯންޑަރިން އާއި ވައްކަމާއި ހަތިޔާރު ބޭނުންކޮށްގެން ވައްކަންކުރުމާއި ކިޑްނެޕް ކުރުމާއި ޑޮމެސްޓިކް ވަޔަލަންސްގެ މައްސަލަތަކުގައި ކަމަށެވެ.

”މީގެ ތެރޭގައި މަރުގެ މައްސަލަ، މީހުން މަރާފައި ހުރި ކަމުގެ ތުހުމަތުގައި 29 މީހުން އެބަތިބި ބަންދުކޮށްފައި. ޓެރަރިޒަމްގެ މައްސަލަތަކުގައި 20 މީހުން ބަންދުކޮށްފައި އެބަތިބި. ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައިގައި 117 މީހުން އެބަތިބި. މާރާމާރީ ހިންގުމުގެ މައްސަލައިގައި 70 މީހަކު އެބަތިބި. ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި 16 މީހުން ބަންދުގައި އެބަތިބި،“ އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު، ކުރިމިނަލް ކޯޓާއި ޑްރަގު ކޯޓުގެ އިމާރާތް ހުރީ ވީރާނާވެފައި ކަމަށާއި އެހެންކަމުން އެ ދެ ކޯޓަށް މިހާރު އިމާރާތެއް ހަމަޖެއްސުމާއެކު ޝަރީއަތްތައް ވެސް އަވަސްވެގެން ގޮސްފައިވާ ކަމަށެވެ.

ފަސް މިނެޓުން ވިިޔަސް އަދި އެންމެ ސިކުންތަކުން ދޫކޮށްލެވުނެއޭ ވިދާޅުވިޔަސް، ކުޑަކުދިންނަށް ޖިންސީ ގޯނާ ހިންގާފައިވާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހެއް، ޓެރަރިޒަމްގެ އަމަލެއް ހިންގާފައިވާ މީހެއް، މާރާމާރީ ނޫނީ މަރުގެ މައްސަލައެއްގައި ހިމެނޭ މީހެއް، ޑްރަގު ޓްރެފިކް ކޮށްފައި ހުރި މީހެއް ދޫކުރުމަކީ އެ މަނިކުފާނު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން އެކަމެއް ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.