ބައްސާމުގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެެއް ސާބިތުވެއްޖެ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ދެންމެ ހުކުމްކޮށްފި އެވެ.

ބައްސާމް މިހާރުވެސް ގެންދަނީ ހިޔާނާތާއި މަނީ ލޯންޑްރިންގެ ކުށުގައި ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ހިޔާނާތުގެ ދައުވާއެއްގައި އިއްވި ހަތަރު އަހަރާއި މަނީ ލޯންޑަރިންގެ ދައުވާއެއްގައި އިއްވި ފަސް އަހަރު ދުވަހެވެ.

ބައްސާމުގެ މައްޗަށް މިއަދު ސާބިތުވެފައިވަނީ ދެ ދައުވާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 ރިލީފް ލޯނެއްގެ ގޮތުން ކްލަބުތަކަށް ފައިސާ ދިނުމަށް ފީފާއިން އެފްއޭއެމްއަށް ފޮނުވި 1.2 މިލިއަން ޑޮލަރު (19 މިލިއަނެއްހާ ރުފިޔާ) އަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.

ދައުލަތުން ކުރި ދައުވާގައި ބުނެފައިވަނީ ބައްސާމް އެ ފައިސާ ބޭނުން ކޮށްފައިވަނީ އަމީން އެވެނިއުގެ ދެ ޕެންޓްހައުސެއް ގަތުމަށް ކަމަށެވެ. އެކަން ކޮށްފައިވަނީ ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމް އިން ފައިސާ ނެރުމަށްފަހު އެ ފައިސާ އެޕާޓްމެންޓް ގަތުމަށް އަމީންއަށް ޖަމާކޮށްގެންނެވެ.

މި މައްސަލައިގެ ނިޔާ ކަނޑައަޅުއްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ، ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމް އިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެ ތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާ ބައްސާމްއަށް ދައްކައިދީފައިވަނީ އެހެން މީހަކު ކަމަށް ބުނި ނަމަވެސް، އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންކަމުން ޑޮލަރު މާރުކުރަން ކަމަށް ބުނެ، އެފްއޭއެމް އިން ނެރުނު ފައިސާގެ އަސްލު އޮޅުވާލަން މަސައްކަތްކޮށް، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ޝަރީއަތަށް ސާބިތުވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. އަދި އެކަން ހިނގާފައިވަނީ ބައްސާމަށް ވެސް އެނގިގެން ކަމަށްވާތީ، ހިޔާނާތުގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކުރެއްވި އެވެ.

މީގެ އިތުރުން އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވެ، އެ ފައިސާގެ އަސްލު އޮޅުވާލައި، ކުށްކޮށްގެން ހޯދި ފައިސާ ލޯންޑާކޮށްފައިވާކަން ވެސް ސާބިތުވާ ކަމަށް ނިންމުމާ ގުޅިގެން ބައްސާމުގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑްރިންގެ ދައުވާ ވެސް ވަނީ ސާބިތުވެފަ އެވެ.

ބައްސާމްގެ މައްޗަށް މި ދެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅި ނަމަވެސް މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އަދަބު ކަނޑައަޅާފައެއް ނުވެ އެވެ. އަދަބު ކަނޑައެޅުމުގެ އަޑުއެހުމެއް ތާވަލުކޮށްފައިވަނީ އެހެން ދުވަހަކަށެވެ.

3 Comments

  • Luna Ibrahim ޖެނުއަރީ 4, 2026

    Ehnve dhw an’ga muda hanjeh hen hadhaigen eynee

  • Ahmed Shaam ޖެނުއަރީ 4, 2026

    Eaynaaga bafaa, FIFA ge huhdhayeh nethi kuraa dhauvaa akee baathil dhauvaa eh 😂

  • Noo Ali ޖެނުއަރީ 11, 2026

    Kobaa dhuniyeygè hurihaa gaum thakah gos thalhaa burussee halaalu faisaa thah 🫵🏼🫤🫵🏼 🐕‍🦺😠

Leave a Reply to Noo Ali Cancel reply