ޖެނުއަރީ 8, 2026

ނުރައްކާވާ މިންވަރަށް ވައި ނުސާފު ދުވަހެއް، ކުރިއަށް އޮތް 5 ދުވަސް ވެސް އަސަރު ހުންނާނެ

ރާއްޖޭގެ ސަރަހައްދުތަކަށް، ހާއްސަކޮށް މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށާއި ވޭތުވެދިޔަ ހަތް ދުވަހަށް ބަލާއިރު މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ މިއަދު ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފި އެވެ.

މެޓް އޮފީހުން މިއަދު ބުނީ، މޫސުމާ ބެހޭ ރިޕޯޓުތަކުގައިވެސް މެދު ރާއްޖެ ތެރޭގައި ދުރު ފެންނަ މިންވަރު 1.5 ކިލޯމީޓަރަށްވުރެ ދަށްވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހުވެސް އިރުއުތުރުން އަންނަ ވަޔާއެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުންޏެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ވައިގެ ކޮލިޓީ އެންމެ ދަށީ ވިލިމާލޭގަ އެވެ. ވިލިމާލޭގައި ވައިގެ ކޮލިޓީ މިވަގުތު ހުރީ 167 ގައެވެ. މާލޭގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 111 ގައެވެ.

އަތޮޅުތެރެއަށް ބަލާއިރު ދ. ކުޑަހުވަދޫގައި ވައިގެ ކޮލިޓީ ހުރީ 158 ގައެވެ. އަދި ލ. ގަމުގައި ވައިގެ ކޮލިޓީ ހުރީ 153 ގައެވެ. ފުނަދޫގައި ވައިގެ ކޮލިޓީ 111 ގައި ހުރި އިރު، ފުވައްމުލަކުގެ ވައިގެ ކޮލިޓީ ހުރީ 119 ގައެވެ. އަދި އައްޑޫގައި ވައިގެ ކޮލިޓީ ހުރީ މެދުމިނެއްގަ އެވެ.

އެއާ ކޮލިޓީ އިންޑެކްސް:

  • ރެޑް އެލާޓް (151-200) – ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށްވެސް ބޮޑު
  • އޮރެންޖް އެލާޓް (101-150) – ނާޒުކު ހާލަތުގައިވާ ފަރާތްތަކަށާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު
  • ޔެލޯ އެލާޓް (51-100) – ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު، ނާޒުކު ހާލަތުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވުން