ލޯންޗު ދުއްވާހެން މާލޭގައި ކާރު ދުއްވި ދުއްވުން ހައްލުކޮށްދެއްވީ އާދަމް އާޒިމް: ނަލަ ޒާހިރާ

މާލޭގެ މަގުތަކުގައި ކުރިން ކާރު ދުއްވަން މަޖުބޫރުވެފައި އޮތީ ލޯންޗެއްހެން ކަމަށާއި ނަމަވެސް އާދަމް އާޒިމްގެ މޭޔަރުކަމުގައި އެކަން ހައްލުކޮށްދެއްވާފައިވާ ކަމަށް ގ. އާކާޝްވިލާ, އާމިނަތު ޒާހިރާ (ނަލަ ޒާހިރާ) ބުނެފި އެވެ.

ބޮނޑިބަތް ޕާކުގައި ރޭ ބޭއްވި އާދަމް އާޒިމްގެ ކެމްޕެއިން ބައްދަލުވުމުގައި ވާހަކަދައްކަމުން 13 އަހަރު ވަންދެން އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ނައިބު ރައީސްކަންވެސް ކޮށްފައިވާ ނަލަ ޒާހިރާ ބުނީ, އާދަމް އާޒިމަކީ ރައްޔިތުންގެ އަޑުއައްސަވާ އަދި މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ ސަބަބުން ހުރި އުދަނގޫތަކާއި ދަތިތައް އޮޅުންފިލުއްވާ ބޭފުޅެއް ކަމަށެވެ.

އަދި އާދަމް އާޒިމަށް ހިތް ދެވުނީ ރާއްޖެއިން ފެނިގެންދިޔަ ހުރިހާ ލީޑަރުންނަށްވުރެ ގާބިލު ބޭފުޅަކަށްވާތީ ކަމަށްވެސް އޭނާ ބުންޏެވެ.

”އެހެންވީމަ އަޅުގަނޑު މިތަނަށް އައިސް މިއަދު މިހުރީ. އަޅުގަނޑު ދަންނަވާނީ މާލޭގެ ރައްޔިތުންނަށް މިއަށްވުރެ އިހުލާސްތެރި, ފުރިހަމައަށް މޭޔަރުކަން ކޮށްދެއްވާނެ, މާލޭ ބަލަހައްޓަވައި ދެއްވާނެ މޭޔަރަކު ދެން އިތުރަކަށް ލިބިވަޑައެއް ނުގަންނަވާނޭ…އާދަމް އާޒިމް ކޮރަޕްޓެއް ނުވާނެ,“ ނަލަ ޒާހިރާ ބުންޏެވެ.

މިހާރުވެސް މާލޭގައި ޓެކްސީ ދުއްވާ ޒާހިރާ ބުނީ, އޭނާއަކީ އަށްވަރަކަށް ގަޑިއިރު ޓެކްސީގެ ހިދުމަތް ދިނުމުގައި އުޅޭ މީހެއް ކަމަށާއި އެހެންވީމާ ވަރަށް ގިނަ މީހުންނާ ދިމާވެ, ވަރަށް ގިނަ ކަންތައްތަކާވެސް ދިމާވާ ކަމަށެވެ.

”އަޅުގަނޑަށް ފެނޭ މާލެއަށް އައި ބަދަލު. އަޅުގަނޑަށް ފެނުނު ވިއްސާރަ ވެހުނު ދުވަހު ހުޅުލޭގައި މީހުން ތޮއްޖެހިފައި ތިބި މިންވަރު. ކީއްވެގެންތޯ. ކާރުވެސް ދުއްވަންޖެހެނީ ލޯންޗެއްހެން. އައިޖީއެމްއެޗް ކައިރީގައި ލޯންޗެއްހެން ކާރު ދުއްވީ. މިހާރު ދުއްވަނީ އެހެންތޯ. އަޅުގަނޑަށް އެންމެ ރީތިކޮށް އެކަން ތަޖުރިބާ ކުރެވެނީ. މިހާރު އަޅުގަނޑު ނުޖެހޭ ލޯންެޗެއްހެން, ފެންގަނޑު މަތީގައި ޗަކަޗަކަ ލައްވަމުން ކާރަށް ތިކި ބުރުވަމުން ދުއްވާކަށް. އެއީ އާދަމް އާޒިމުގެ ގާބިލުކަން. އެއީ އާދަމް އާޒިމް ކުރެއްވި ކަމަކީ. ކޮންމެ މޭޔަރަކަށްތޯ އެކަން ކުރެއްވުނީ. ނުކުރެއްވުނެއްނޫންތޯ,“ ޒާހިރާ ބުންޏެވެ.

6 Comments

  • Noorul Haya ޖެނުއަރީ 9, 2026

    Hallu vejjetha. Nudhena hurin

  • Fahy Ma Hamyd Maahzxmine ޖެނުއަރީ 9, 2026

    Buraanthi vaahaka nudhakkaa.

  • Haasim Abdulla ޖެނުއަރީ 9, 2026

    Gayaa dhurah helee Adam azim

  • Aminath Latheefa ޖެނުއަރީ 9, 2026

    Aan mihaaru car aa cycle firukenee adham azim ge molhu kamun

  • Ali Afrah ޖެނުއަރީ 10, 2026

    Munjey kiyaabala🙃

  • Adam Waheed Biddey ޖެނުއަރީ 12, 2026

    mihaaru raalhu nujahaa?
    kameh hallu vegen eba ulheytha bondhu city ga?

Leave a Reply to Ali Afrah Cancel reply