ރާއްޖެ އަށް ޑްރަގް އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ގއ. އަތޮޅުން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރި މީހުންގެ އެކައުންޓުތަކުގައި 300 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކުރި ކަމަށް ފުލުހުން ބުނެފި އެވެ.
ރާއްޖެ އަށް ޑުރަގް އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާކުރާ މީހުން ހޯދަން ފުލުހުން ހިންގާ ’އޮޕަރޭޝަން އަލިމަގު‘ ގައި 10 ތަނެއް ބަލައިފާސްކޮށް، ހަތަރު މީހަކު ހައްޔަރުކުރި އެވެ. އެ އެންމެންނަކީވެސް ގއ. ވިލިނގިލި މީހުންނެވެ. އެއީ:
- ޝައްފާހު ލަތީފު، 28، ޝެވޯނާ، ގއ. ވިލިނގިލި
- އަހުމަދު މަދީހް، 33، މިޔުޒިކީގެ، ގއ. ވިލިނގިލި
- އަހުމަދު އަނާމް އިބްރާހިމް، 30، އައިޒަން، ގއ. ވިލިނގިލި
- ނޫރުއްނިޒާމް، 35، އަރާއިރުގެ، ގއ. ވިލިނގިލި
ފުލުހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހަތަރު މީހުންނަކީ ޑުރަގުގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ ނެޓްވޯކު ހިންގާ އިސް ހަތަރު މީހުން ކަމަށް ތުހުމަތުވާ މީހުން ކަމަށެވެ. އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން ޑުރަގް ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާ ކަމަށްވެސް ބުންޏެވެ.
”އެގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި މި ނެޓްވޯކް މެންބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަންއަށްވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.“ ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ ނެޓްވޯކުގެ ހިމެނޭ މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17،174،461.12 ރުފިޔާ ދައުރުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430،638.99 ރުފިޔާ ކަމަށް ބުންޏެވެ.
އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަނާމްގެ ބޭންކު އެކައުންޓުތަކުގައި 38،812،690.60 ރުފިޔާ ދައުރުކޮށްފައިވާއިރު މި މުއްދަތުގެ ތެރޭގައި އޭނާގެ ބޭންކު އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 ރުފިޔާ އެވެ.
އަދި ޝައްފާހުގެ ބޭންކު އެކައުންޓުތަކުގައި 6،916،752.83 ރުފިޔާ ދައުރުވެފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އޭނާގެ ބޭންކު އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 317،635.36 ރުފިޔާ ކަމަށްވެސް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ފުވައްމުލަކުގެ ޑުރަގް ބޮޑެއް 75 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި