އެމެރިކާ އިން އީރާން ’ޓެސްޓު‘ ކޮށްލަން ބޭނުންނަމަ ހަަނގުރާމައަށް ތައްޔާރު ކަމަށް ވިދާޅުވެ, އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ އިންޒާރު ދެއްވައިފިއެވެ.
އަލް ޖަޒީރާ އެރަބިކްއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ މިގޮތަށް އިންޒާރު ދެއްވާފައި މިވަނީ އީރާންގެ ސަރުކާރާ ދެކޮޅު މުޒާހަރާތައް ވަރުގަދަވެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް, އީރާންއާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ޓްރަމްޕް އިންޒާރު ދީފައިވަނިކޮށެވެ.
އަރަގްޗީ ވިދާޅުވީ, މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރޭގައިވެސް އެމެރިކާ އާއެކު މަޝްވަރާކުރުމުގެ ދޮރުތައް ހުޅުވިފައި އޮތް ނަމަވެސް ހުރިހާ ހާލަތަކަށް އީރާން އޮތީ ތައްޔާރަށް ކަމަށެވެ. އަދި މިދިޔަ އަހަރުގެ 12 ދުވަހުގެ ހަނގުރާމައާ އަޅާބަލާއިރު, އީރާނުގެ އަސްކަރީ ތައްޔާރީތައް މިހާރު މާބޮޑަށްވެސް ވަރުގަދަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
’ވޮޝިންޓަނުން ކުރިންވެސް ތަޖުރިބާކޮށްފައިވާ އަސްކަރީ ގޮތް އިހުތިޔާރުކޮށް، އެކަން އިތުރަށް ޓެސްޓުކުރަން ބޭނުންވާނަމަ، އަހަރެމެން މި ތިބީ އެކަމަށް ތައްޔާރަށް،‘ އަރާގްޗީ ވިދާޅުވި އެވެ.



