ޖެނުއަރީ 13, 2026

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސައިފި

މި އަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވައި، ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ މަހުގެ ފަސްވަނަ ދުވަހަށް ތާވަލުކޮށްފައިވާތީ، އެ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާގޮތުގެ މަތިން ކޮންމެ އަހަރަކު ވެސް މަޖިލީސް ހުޅުވައި، ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި މީގެ ކުރިން ވެސް ހަމަޖައްސާތީ، އެ ދުވަސް ބަންދުކުރަން ނިންމީ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އޮންނާނީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކަމަށެވެ. އެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ.