5 ފުޅި ކްރަމްޕީ ވަގަށް ނަގަން އުޅުނު މީހަކު ޖަލަށް!

ފިހާރައަކުން ފަސް ފުޅި ކްރަމްޕީ ވަގަށް ނަގަން އުޅުނު މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ޖަލަށް ލާން ހުކުމްކޮށްފައިވަނީ ތ. ތިމަރަފުށީ/ ލަކީހައުސް، ސަފްވާން އަލީ އެވެ. އޭނާގެ މައްޗަށް ދައުލަތުން ކުރީ ވައްކަންކުރަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ އޭނާގެ މައްޗަށް އުފުލީ 8 ސެޕްޓެންބަރު 2024 ގައި މާލޭ އަސުރުމާ ގޯޅީގައި ހުންނަ ރަސްރަނި ޓްރޭޑާސް ފިހާރައަށް ގޮސް، އެ ފިހާރައިގެ ރެކުން ފަސް ފުޅި ކްރަމްޕީ ނަގައި، އޭނާ ގެންގުޅުނު ކަޅުކުލައިގެ ކޮތަޅަކަށް ލުމަށްފަހު، ފައިސާ ނުދައްކައި، ފިހާރައިން ނުކުމެގެން ދާން އުޅެފައިވާތީ އެވެ.

މި މައްސަލައަށް ކޯޓުގައި ޖަވާބުދާރީވަމުން ސަފްވާން ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި އޭނާ ކްރަމްޕީ ފުޅިތަކެއް ނަގައި ފައިސާ ނުދައްކައި ދާން އުޅުނުކަމަށާއި އެކަން ކުރަން އުޅުނީ ޑުރަގް ގަތުމަށް ފައިސާ ހޯދުމުގެ ބޭނުމުގައި ކަމަށްވެސް ބުނެފައިވެ އެވެ.

އެހެންވެ ސަފްވާންގެ މައްޗަށް ހުށަހެޅި ވައްކަންކުރަން އުޅުމުގެ ކުށުގެ ދައުވާ އޭނާގެ އިއުތިރާފުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ސަފްއަތް ހަބީބް ކަނޑައެޅުއްވި އެވެ.

އަދި އެ ކުށުގެ އަދަބެއްގެ ގޮތުގައި ސަފްވާން އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލާން ހުކުމްކުރެއްވި އެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު މަރުހަލާގައި ސަފްވާން 23 ދުވަހު ބަންދުކޮށްފައިވާތީ، އޭނާ ތަންފީޒުކުރަންޖެހޭ އަދަބަކީ 13 ދުވަސް ކަމަށް ކަނޑައެޅި އެވެ.

3 Comments

  • Hamy Hamitte ފެބްރުއަރީ 10, 2026

    Alhe peanut butter try kollabala dhen faharakun

  • Ainthu Ibrahim ފެބްރުއަރީ 10, 2026

    Rashy Lathyf bala thihen noolheyshey 😩😩

    • Rashy Lathyf ފެބްރުއަރީ 10, 2026

      Ainthu Ibrahim 🫣

Leave a Reply to Rashy Lathyf Cancel reply