އިޒްރޭލާއި އެމެރިކާއިން އިރާނަށް ދިން ހަމަލާތަކުގައި އެ ގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ، 86، އަވަހާރަވެފައިވާކަން އީރާނުގެ ދައުލަތުގެ މީޑިއާއިން ކަށަވަރުކޮށްދީފި އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނީ، ހާމަނާއީ އަވަހާރަވެފައިވަނީ އޭނާގެ އޮފީހުގައި އިންނަވަނިކޮށް ކަމަށެވެ.
އީރާނުން ހާމަނާއީ އަވަހާރަވެފައިވާކަން އިއުލާން ކުރުމުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ހާމަނާއީ އަވަހާރަވެފައިވާކަން އިއުލާންކޮށްފަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާ އިން ބުނާ ގޮތުން، އެ ހަމަލާގައި ހާމަނާއީގެ ދަރިކަނބަލުންނާއި ދަނބިދަރިކަލުންނާއި ކާފަ ދަރިކަލުން ވެސް ވަނީ އަވަހާރަވެފަ އެވެ.
ހާމަނާއީ އަވަހާރަކޮށްލުމުން ދެން ކަންތައްތައް ހިނގާނެ ގޮތަކާމެދު ވަނީ ސުވާލު އުފެދިފަ އެވެ. ނަމަވެސް ހާމަނާއީ އަވަހާރަވުމާއެކު ގައުމުގެ ހިންގުން ހަވާލުކުރާނީ އެކަމަށްޓަކައި ގާއިމުކުރާ ހާއްސަ މަޖިލީހަކަށް ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އީރާނުގެ ރޫހީ ވެރިޔާގެ ގޮތުގައި ހާމަނާއީ މަސައްކަތް ކުރައްވަން ފެއްޓެވީ 1989 ވަނަ އަހަރު އެވެ. އޭނާ އެ މަގާމާ ހަވާލުވެވަޑައިގަތީ 1979 ވަނަ އަހަރުގެ އިންގިލާބުގެ ދުވަސްވަރުގައި އީރާނުގެ ރޫހީ ވެރިޔާގެ ގޮތުގައި ހުންނެވި އާޔަތުﷲ ރޫހުﷲ ހާމަނާއީއަށް ފަހުގަ އެވެ.


