ރައީސް މުއިއްޒު އަންނަ މަހު ލަންކާއަށް ވަޑައިގަންނަވަނީ

ރައީސް މުއިއްޒު އަދި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ---

ފުރަމާނަ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ސްރީ ލަންކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސްރީލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ.

ރައީސް މުއިއްޒު ލަންކާއަށް ދަތުރެއް ކުރައްވަން ހަމަޖެހިފައިވާ ކަމެއް ރައީސް އޮފީހަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް ލަންކާގެ ނޫސްތަކުން ބުނީ މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް ލަންކާގެ ފިޝަރީޒް މިނިސްޓަރު ރަމަލިންގަމް ޗަންޑްރެސޭކަރު އާއި ރާއްޖެއިން ލަންކާއަށް  ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން އާންމުކޮށް ބުނަނީ، މުއިއްޒުގެ ދަތުރުތަކާ ގުޅޭ މައުލޫމާތު އެކަމަށް އޮންނަ އުސޫލެއްގެ ދަށުން ހާމަ ކުރާނެ ކަމަށެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ ހަފުލާއަށް މިދިޔަ ޖުލައި މަހު ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ ވަޑައިގެންނެވި އެވެ.