އެމްޑީޕީ ވެރިކަމުގައި އޮތް ނަމަ، ޔާމީނަށް ގޭގައި ތަށިމުށި ޖަހާ މަންޒަރުވެސް ނުފެންނާނެ: ފަލާހު

ފަލާހު އާއި ޔާމީން ---

އެމްޑީޕީ ވެރިކަމުގައި އޮތް ނަމަ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް މިހާރު ލިބިވަޑައިގެންފައިވާ މިނިވަންކަމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. މުރައިދޫން ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ރައީސް ޔާމީނަށް 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވުމުން އެކަމުގެ އުފާފާޅުކުރުމަށް ދެ ރިސޯޓު ހިފި ކަމަށާއި ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ފެނިވަޑައިގެންނެވީ އޯގާތެރި، ހިތްތިރި އަދި ކެތްތެރި ވެރިންގެ ސިފަ ކަމަށެވެ.

މިއަދު އެމްޑީޕީ ވެރިކަމުގައި އޮތް ނަމަ، ރައީސް ޔާމީނަށް އަމިއްލަ ގެކޮޅުގައި ތަށިމުށި ޖަހާ މަންޒަރާއި، ގޭގައި ފުޓްސަލް ދަނޑު ހަދައި ޓާފް އަޅާ މަންޒަރު ބެއްލެވުމުގެ ފުރުސަތު ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ދެފަޅިއަށް ލައިގެން ރީތި ވާހަކަދެއްކެވުމުގެ ފުރުސަތު ވެސް ނުލިބުނީސް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީ ވެރިކަމަށް ގެނެސް ގޭގައި އިންނަ ހިތް ނުވާތީ، މާފުއްޓަށް ދާ ހިތްވަނީތޯ ވެސް ސުވާލު އުފެދޭ ކަމަށާއި އަނބިކަނބަލުން ކައިރީގައި އިންނަވާ ހިތް ނުވަހީހެން ވެސް ހީވާ ކަމަށެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން ގޭގައި އިންނެވުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގެންފައިވަނީ ރައީސް މުއިއްޒުގެ އޯގާތެރިކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލު އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ ޕީއެންސީއަށްވުރެ 20 ގޮނޑި މަދުން ކަމަށާއި ނަމަވެސް މިއަދު އުފާފާޅުކުރަމުން އެ ގެންދަނީ އިންތިހާބުގައި ބަލިވި ޕާޓީ ކަމަށެވެ. އަދި މަގުމައްޗަށް ނުކުމެ، ގާނޫނީ ވެރިކަމެއް ވައްޓާލަން މަސައްކަތް އެ ކުރަނީ އެއްވެސް މަޖިލިސް މެންބަރެއް ނެތް، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަން ވެސް ވައްޓައިނުލެވުނު އެމްޑީޕީ ކަމަށް ފަލާހު ވިދާޅުވިއެވެ.