ޝަރުއީ ދާއިރާ އިސްލާހުކޮށް މިނިވަންކުރަން ކެރޭނެ ވަރުގެ ބަޔަކަށް ފެންނަން އޮތީ އިދިކޮޅު އެމްޑީޕީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
އައްބާސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޮލަށް ފެންނަންހުރި ހަގީގަތްކަކުގެ މައްޗަށް ބުރަވެ ދަންނަވާނަމަ ދެންނެވޭނީ އެކަނިވެރި މައިންނަށް ލިބެމުންދާ އިނާޔަތްތަކާއި އުމުރުން ދުވަސްވީ ބޭފުޅުންނަށް ލިބެމުންދާ އިނާޔަތްތަކާއި ސްކޫލުގެ ދަރިވަރުންނަށް ހިލޭ ފޮތްފަންސޫރު ލިބެމުންދިއުމާއި ދަތުރުފަތުރުގެ ނިޒާމާއި އާސަންދައިގެ ނިޒާމާއި ރަށްފުށު ރައްޔިތުންގެ ބޯހިޔާވަހިކަން ފަދަ ރައްޔިތުންނަށް މުހިންމު އަސާސީ ކަންކަމަކީ ނުވަތަ ނިޒާމުތަކަކީ އެމްޑީޕީގެ ސިޔާސަތުގެ ތެރެއިން ގާނޫނުތައް ވުޖޫދުކުމުން ލިބޭ ފޮނިމީރުކަމެއް ކަމަށެވެ.
އޭގެ އިތުރުން ރިސޯޓު ބޯއީޒް އިންނަށް ހާއްސަކޮށްގެން ވުޖޫދުވެގެންދިޔަ މިނިމަމް ވޭޖް އާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބިގެންދިޔަ އެކިއެކި ހައްގުތަކަކީވެސް އެމްޑީޕީގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން އެކަމަށް ވަރަށް ބޮޑަށް ވަކާލާތުކޮށް އެކަމަށް ބޭނުންވާ ގާނޫނުތއް ހެދިގެން ރައްޔިތުންނަށް އޭގެ ފޮނިމީރުކަން ލިބިގެންދާ ކަންކަން ކަމަށް އައްބާސް ވިދާޅުވިއެވެ.
”އެހެންކަމުން ސިޔާސީގޮތުން މި ހޭދަކުރެވުނު 21 އަހަރުގެ ތަޖުރިބާތަކަށް ބަލާއިރު ޖޭއެސްސީ އިސްލާހުކޮށް މިނިވަންކުރަން ކެރޭނެ ވަރުގެ ބަޔަކަށް އަދި ފެންނަންއޮތީ އެމްޑީޕީ!،“ އޭނާ ވިދާޅުވިއެވެ.
އައްބާސް ވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ޖުޑިޝަރީ މިނިވަން ނުކުރައްވާ އިތުރަށް ޖުޑިޝަރީ ކަސްތޮޅު އަޅުވަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ހުއްޓާ ނުލައި ބަދަލު ގެންނަވަނީ ކީއްވެތޯ ސުވާލުކުރައްވައިފައެވެ. އަދި ރައީސް މުއިއްޒުގެ އިހުލާސްތެރި ނިޔަތެއް އޮތްނަމަ އެ މަނިކުފާނުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަކުން ޖުޑިޝަރީ މިނިވަން ނުކުރައްވާ ތިން އަހަރު ވަނީ ކީއްވެތޯ ވެސް ސުވާލު އުފެއްދެވިއެވެ.



