ފުނަވާ ސަރަހައްދުގެ ގަސްތައް ކަނޑާ މައްސަލައިގައި ކޮމިޓީ ބައްދަލުވުމަކަށް އެދިއްޖެ 

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ވިލިމާލޭ ފުނަވާ ސަރަހައްދުގެ ގަސްތައް ކަނޑައި ހައުސިން ޔުނިޓުތައް ބިނާކުރަން ނިންމި ނިންމުމާ މެދު ފަންނީ ފަރާތްތަކުގެ ކަންބޮޑުވުންތައް މަޖިލީހުގެ ކޮމިޓީ މެދުވެރިކޮށް ހިއްސާކުރެވޭނެ ފުރުސަތަކަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.

ކުޑޫ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ވިލިމާލޭގެ ބިން ބްލޮކެއްގައި 17 ބުރީގެ 300 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވަނީ ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކާއި އިމާރާތްކުރުމުގެ ދާއިރާގެ ފަންނީ ފަރާތްތަކުގެ އިރުޝާދަށް ރިއާޔަތްކުރުމެއް ނެތިއެވެ. މި މައްސަލައިގައި އެސޯސިއޭޝަން އޮފް މޯލްޑިވިއަން ޕްލޭނާސްގެ ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއް ވެސް ކުޑޫ ވަނީ މަޖިލީހާ ހިއްސާކުރައްވައިފައެވެ.

ކުޑޫ ވިދާޅުވި ގޮތުގައި، މާލެ ސަރަހައްދުގައި ހަމަހިމޭންކަމާއި ގުދުރަތީ ފެހިކަން ތަޖުރިބާކޮށްލަން އޮތް ހަމައެކަނި ރަށަކީ ވިލިމާލެއެވެ. އެފަދަ މަޝްރޫއުތަކުގެ ސަބަބުން ރަށުގެ އަސްލު ސިފަ ގެއްލި، އާބާދީ ތޮއްޖެހި، މާލެ ސަރަހައްދުގެ ރައްޔިތުން ހިތްހަމަޖައްސާލުމަށް އޮތް މުހިންމު މާހައުލެއް ގެއްލިގެންދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިމާލެއަކީ ހަމައެކަނި އިމާރާތްކުރާ ތަނެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، މުޅި މާލެ ސަރަހައްދަށް ބޭނުންތެރި ތިމާވެށީގެ މުހިއްމު ރައުސްމާލެއްގެ ގޮތުގައި ރައްކާތެރިކުރަން ޖެހޭ ކަމަށް ވެސް ކުޑޫ ވިދާޅުވިއެވެ.

ވިލިމާލޭ މުހިއްޔުއްދީން ސްކޫލް ކުރިމަތީގައި ހުރި ބިޔަ ފުނަގަސްތައް ކަނޑައިގެން ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާ އިރު، މިކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފައެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ސަރުކާރުން މިހާރު ނިންމާފައިވަނީ ވީހާވެސް މަދު ގަހެއް ކަނޑައިގެން މަޝްރޫއު ކުރިއަށް ގެންދިއުމަށް ކަމަށާއި، ކޮންމެހެން ނަގަންޖެހޭ ގަހެއް މެނުވީ ނުނަގާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.