ރީތި ހެދުން ލައި މީރުވަސްދުވާ ސެންޓު ބޭނުންކުރަންވީ ގެއިން ބޭރަށް ނުކުންނައިރަކު ނޫނެވެ. ހަލާލު ބައިވެރިޔާގެ ކުރިމަތީގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”ސާފުތާހިރުކަމާއި ޒީނަތްތެރިކަން“ މި މައުޞޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, އެހެނިހެން ދީންތަކާއި ޙަޟާރަތްތަކުގައި، އިންސާނާގެ ރީތިކަން އާންމު ގޮތެއްގައި މިންކުރަނީ ހަމައެކަނި ބޭރުފުށުގެ ޒީނަތަށްވީ ނަމަވެސް، އިސްލާމްދީން ބަލަނީ އެތެރެފުށާއި ބޭރުފުށުގެ ތާހިރުކަމާއި ޒީނަތްތެރިކަމަށް ކަމަށެވެ. އަދި ހަގީގީ ތާހިރުކަމަކީ ހިތުގެ ތާހިރުކަމާ ނުލައި ފުރިހަމަވާނޭ ކަމެއް ނޫން ކަމަށާއި ޝިރުކާއި ހަސަދައާއި ޝައްކުތަކުން ހިތް ސާފުނުކޮށް، ހަމައެކަނި ބޭރުފުށް ރީތިކުރުމަކީ، ގަނޑުވަރެއްގެ ބޭރު ޒީނަތްތެރިކޮށްފައި އޭގެ އެތެރެ ގޮނޑަކަށް ހެދުން ފަދަ ކަމެއް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, މިއަދުގެ ޒަމާނީ ވަސީލަތްތަކާއެކު، ސާފުތާހިރުވުމުގެ ނަމުގައި ބައެއް ފަހަރު ދީނީ އިންތަކުން ބޭރުވާތަން ފެންނަ ކަމަށާއި އޭގެ ތެރެއިން އެންމެ ނުރައްކާތެރި އެއްކަމަކީ، ސެލޫންތަކަށް ގޮސް ”ވެކްސް“ ކުރުމަށް ނުވަތަ ”ލޭޒާ ޓުރީޓްމެންޓު“ ހެދުމަށް ޓަކައި، ތިމާއަށް ހުއްދަ ނޫން މީހުންގެ ކުރިމަތީގައި އައުރަ ކަޝްފުކުރުން ކަމަށެވެ. އެއީ ދީނީ ގޮތުން ހުއްދަކަމެއް ނޫން ކަމަށާއި ސިއްހީ ފަރުވާއެއް ފަދަ ޒަރޫރީ ހާލަތެއްގައި މެނުވީ މިކަން ހުއްދައެއް ނުވާނެ ކަމަށެވެ. އަދި ރީތިކަމާއި ސާފުތާހިރުކަން ހޯދާންވާނީ ހަރާމް މަގުތަކުން އެއްކިބާވެ ތިބެގެން ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, ބުރުގާ އެޅުމުގެ އަސްލު މަގުސަދަކީ އައުރަ ނިވައިކުރުމާއި އިއްފަތްތެރިވެ އަބުރުވެރިވުން ކަމަށްވީ ނަމަވެސް ބުރުގާ އަޅައިގެން ތިބޭ އިރު، ކަންފަތުގައިލާ މުދި ނުވަތަ ކަރުގައި އަޅާ ފަށް ފެންނަގޮތަށް ބުރުގާ އެޅުމާއި ބޮލުގައި ފޮތިކޮޅެއް އޮޅައިލައިގެން ކަނދުރާ ފެންނަގޮތަށް ހެދުން އެޅުމަކީ ހިޖާބުގެ މަގުސަދު ގެއްލޭ ކަމެއް ކަމަށެވެ. އަދި ހަށިގަނޑުގެ ވަނާތައް އެނގޭ ގޮތަށް ގަޔަށްބާރު ހެދުން ލައި، ހިލޭ ފިރިހެނުންގެ ލޮލުގައި އަޅައިގަންނަ ފަދަ ގޮތްގޮތަށް ޒީނަތްތެރިވުމަކީ އިހުގެ ޖާހިލީ ޒަމާނުގެ އާދައެއް ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, ފިރިހެނުންވެސް ކުޅިވަރުގެ މައިދާނުގައި ވިޔަސް އައުރަ ނިވައިނުވާވަރުގެ ފޭރާން ލައިގެން އުޅުމަކީ މުސްލިމުންގެ ކަމެއް ނޫން ކަމަށާއި ނަމާދުގައި ރުކޫއުކޮށް ސަޖިދަކުރާއިރު އައުރަ ކަޝްފުވާފަދަ ހެދުން އެޅުމަކީ ނަމާދު ބާތިލުވާނޭ ކަމެއް ކަމަށެވެ.
ޒީނަތްތެރިވުމުގެ ނަމުގައި، މާތް ﷲ އުފެއްދެވި ސިފަ ބަދަލުކުރުމަކީ ޝައިތާނާގެ މަޅިތަކުގެ ތެރެއިން މަޅިއެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, ޓެޓޫ ޖެހުމާއި ބުމަ ހެދުން ނުވަތަ ބުމައިގެ އިސްތަށި އުފުރައި، ބުމަ ތުނިކުރުމާއި ހަށިގަނޑުގެ ސިފަ ބަދަލުކުރުން ފަދަ ކަންކަން ކުރުމަކީ ﷲގެ ލައުނަތް ހުރި ކަންކަން ކަމަށެވެ. އަދި ވުޟޫކުރާ އިރު ފެން ނުޖެހޭ ފަދަ އެއްޗެހި ބޭނުންކުރުމުން ވުޟޫ ސައްހައެއް ނުވާނެ ކަމަށްވެސް ބުންޏެވެ.
ހުތުބާގައި ބުނީ, ޒީނަތްތެރިކަން ދެއްކުން އެންމެ އައުލާވެގެންވަނީ ދެމަފިރީން އެކަކު އަނެކަކަށް ކަމަށެވެ. އެގޮތުން ދެމަފިރީން އެކަކު އަނެކަކަށް ޒީނަތްތެރިވުމަކީ ލޯބި އިތުރުވެ، ހިލޭ މީހުންނަށް ބެލުމުން ލޯތައް ރައްކާތެރިކޮށްދީ އިއްފަތްތެރިކޮށްދޭނޭ ކަމެއް ކަމަށް ބުންޏެވެ.









