ވިލިމާލޭގެ ފުނަވަލުގައި ހުރި ގަސްތައް ކެނޑުމަށްފަހު އެ ސަރަހައްދުގައި ހަދަން މި ސަރުކާރުން ނިންމި ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު، އެ އަވަށު ސްޓެލްކޯ ސައިޓް ކައިރިއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.
ވިލިމާލޭގައި މި ސަރުކާރުން ހަދާ 300 ފްލެޓުގެ ބިންގާ އެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ފްލެޓް ހަަދަން ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އާއެވެ. މި މަޝްރޫއުގެ ދަށުން އަޅާނީ 17 ފަންގިފިލާގެ 3 ޓަވަރެވެ.
ނަމަވެސް އެ ފްލެޓްތައް އަޅަން ނިންމާފައިވާ ސަރަހައްދަކީ ވިލިމާލޭގެ ހިމާޔަތްކޮށްފައި އޮންނަ ފުނަވަލު ކަމަށްވެފައި، އެތަނުގެ ގަސްތައް ހިމާޔަތް ކުރުމަށް ގޮވާލައި ގިނަ ބަޔަކު ޝަކުވާ ކުރަން ފެށި އެވެ. އެކަމާއި ގުޅިގެން ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބް ވަނީ އެތަނުން އެއް ޓަވަރު އެހެން ތަނަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިދިޔަ އޭޕްރިލް މަހު ވިދާޅުވެފަ އެވެ. އެއީ ކޮން ތަނެއް ކަމެއް އޭރު ވިދާޅެއް ނުވެ އެވެ.
ހައުސިން މިނިސްޓްރީން ބުނީ، ވިލިމާލޭގައި ހަދާ ތިން ޓަވަރުގެ ތެރެއިން އެއް ޓަވަރު ހަދާނީ ސްޓެލްކޯއާ ޖެހިގެން އޮންނަ ބިމުގައި ކަމަށެވެ. އެ ސަރަހައްދަކީ މީހުން ދިރިއުޅޭ ސަރަހައްދެއް ނޫނެވެ. ކައިރީގައި ހުންނާނީ ސަރުކާރުގެ އެހެން ކުންފުނިތަކާއި މުއައްސަސާތަކުގެ އޮފީސްތަކުގެ އިތުރުން ގަބުރުސްތާނެވެ.
އަނެއް ދެ ޓަވަރު ހަދަން ނިންމާފައިވަނީ ސިނަމާލެ 4 ފަހަތުގައާއި ވިލިމާލެ ފުޓްސަލް ދަނޑު ކުރިމައްޗަށްވާ ގޮތަށެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުން އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް ވިލިމާލެ ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމާލައި، ވިލިމާލޭގެ އާބާދީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.









