މަޖިލީހުގެ ނައިބު ރައީސަކަށް ސަލީމް އާއި ފިއްޓޭގެ ނަން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާޢިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ)ގެ ނަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފި އެވެ.

މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި، ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނިކޮށެވެ.

އެހެންވެ، ހުސްވެފައިވާ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ ކަންކަން މިއަދުގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.

އެ މަގާމަށް ސަލީމުގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.

ފިއްޓޭގެ ނަން ހުށަހެޅުއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) އެވެ. އޭނާގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމަށް މިއަދު މަޖިލީހުގައި އިންތިހާބުގެ ކަންކަން ކުރިއަށް ގެންދާނީ ފަސް މެންބަރުންގެ ކޮމިޓީއަކުންނެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އަދި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.