ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް އޭދަފުށި ދާޢިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އިންތިހާބުކޮށްފިއެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް އިއްޔެ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ މެންބަރުން ސޮއިކުރައްވައި، ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ސަލީމްގެ އިތުރުން ދެން ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުގެ ނަމެވެ.
މި އިންތިޚާބުގައި ޖުމްލަ 74 މެންބަރުން ވޯޓުލާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް ސަލީމް ގެންނަން 62 މެންބަރަކު ވޯޓު ދެއްވިއެވެ. ޒިޔާދަށް ވޯޓު ދެއްވީ 10 މެންބަރެކެވެ.
މިއާއެކު، މެންބަރު ސަލީމް ވެވަޑައިގެންފައިވަނީ މި ހިނގާ މަޖިލީހުގެ 20 ވަނަ ދައުރުގައި އިންތިޚާބުކުރެވުނު ދެވަނަ ނައިބު ރައީސަށެވެ.
މަޖިލީހުގެ އާ ނައިބު ރައީސް އަޙްމަދު ސަލީމަކީ މަޖިލީހުގައި ގިނަ ދައުރުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން 2014، 2019 އަދި 2024 ވަނަ އަހަރު ވެސް އޭދަފުށީ ދާއިރާގެ ގޮނޑި އޭނާ ވަނީ ކާމިޔާބުކުރައްވާފައެވެ. މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގައި ސަލީމް އިންތިޚާބުވެވަޑައިގެން ހުންނެވީ ވެރިކަންކުރާ ޕީއެންސީގެ މެންބަރެއްގެ ގޮތުގައެވެ.


