ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވެބްސައިޓުން ހިލޭ ދޫކުރެވުނު ވޯލްޑް ކަޕް ޓިކެޓުތަކެއް ފީފާއިން ކެންސަލްކޮށްފިއެވެ.
ފީފާއިން ބުނި ގޮތުގައި، ވެބްސައިޓުގައި ދިމާވި މައްސަލައަކާ ގުޅިގެން ގާތްގަނޑަކަށް 60 ސަޕޯޓަރަކަށް ޓިކެޓުތައް ލިބުނީ އެއްވެސް އަގަކާ ނުލައެވެ. މިކަމާ ގުޅިގެން އެ އިދާރާއިން ވަނީ މައާފަށް އެދި، އަސަރުކުރި ފަރާތްތަކަށް ޓިކެޓުގެ އަގު އަދާކުރުމަށް ފުރުސަތު ދީފައެވެ.
މިކަން ހިނގާފައިވަނީ މެއި 21 ވަނަ ދުވަހުއެވެ. މި ޓިކެޓުތަކަކީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުރިހާ މެޗެއް ވިކި ހުސްވެފައިވާ ކަމަށް އިއުލާން ކުރެއްވިތާ ތިން މަސް ފަހުން ވިއްކި ޓިކެޓުތަކެކެވެ.
މި ވޯލްޑް ކަޕް ޓިކެޓިން ޕްރޮގްރާމާ ގުޅޭގޮތުން ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ޓިކެޓުގެ އަގުތައް މީގެ ކުރީގެ މުބާރާތްތަކާ އަޅައިބަލާއިރު ވަރަށް ބޮޑުކަން ފާހަގަކުރެވެއެވެ.


