ރާއްޖޭގައި ބާއްވާ ޑައިމަންޑް ޖުބިލީ ފުޓުބޯޅަ މުބާރާތުގެ ލީގު ބުރުގައި ބަންގުލަދޭޝްގެ ޒުވާން ޓީމު އަތުން ޕޮއިންޓެއް ހޯދައިގެން ރާއްޖެއިން މުބާރާތް ނިންމާލައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗަށް ނުކުތް އިރުވެސް، ފުރަތަމަ ދެ މެޗުގައި އަފްގާނިސްތާން އަދި ޕާކިސްތާން އަތުން ބަލިވުމުން ރާއްޖެއަށް ވަނީ ފައިނަލުގެ ޖާގައެއް ގެއްލިފައެވެ. ނަމަވެސް މިރޭގެ މެޗު ކާމިޔާބުކޮށްގެން ބަންގުލަދޭޝަށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ.
ރާއްޖެ އާއި ބަންގުލަދޭޝް ބައްދަލުކުރި މިރޭގެ މެޗު ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން ބަންގުލަދޭޝަށް ވެސް ވަނީ ފައިނަލުގެ ޖާގަ ގެއްލިފައެވެ. މިރޭގެ މެޗުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު ކުޅެން ނުކުމެފައެއް ނުވެއެވެ.
މިރޭގެ މެޗު ފެށިގެން ޑޮމިނޭޓްކޮށްގެން ބަންގުލަދޭޝް އިން އެޓޭކިން ގޭމެއް ކުޅެމުންދިޔަ ނަމަވެސް، ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ ރާއްޖެއިންނެވެ. އެ ގޯލަކީ ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ އަބްދުﷲ ލޫތު އިބްރާހީމަށް ބަންގުލަދޭޝްގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. ރާއްޖެއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. އެ ގޯލަކީ މުބާރާތުގައި ރާއްޖެއިން ޖެހި ހަމައެކަނި ގޯލެވެ.
އެ ގޯލަށްފަހު ރާއްޖެއިން ވަރަށް ބޮޑަށް ޑިފެންސަށް ވިސްނައިގެން ކުޅެމުންދިޔަ އިރު، ބަންގުލަދޭޝް އިން އެޓޭކުކޮށް ނަތީޖާ ހަމަަހަމަކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން ފުރަތަމަ ހާފު ނިމެނިކޮށް ބަންގުލަދޭޝްގެ ކެޕްޓަން މަނިކް ހުސައިން މޮއްލާއަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ރާއްޖޭގެ ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ.
މެޗުގެ 52 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ރާއްޖޭގެ ގާސިމް ތޯއިފްގެ އަތުގައި ބޯޅަ ޖެހުމުން، ބަންގުލަދޭޝަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ބަންގުލަދޭޝަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދީ، އުންމީދު އާކޮށްދިނީ މިރާޖުލް އިސްލާމެވެ.
އެ ގޯލާއެކު ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ދެ ޓީމުން ވެސް މަސައްކަތްކުރީ މޮޅަކާއެކު މެޗު ނިންމާލުމަށެވެ. ރާއްޖޭގެ އެޓޭކު ވަރުގަދަވެގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ކުޅެން ނުކުތުމާއެކުއެވެ. އެގޮތުން މެޗުގެ ފަހު މިނެޓުގައި ފޭދޫ އިއްބެއަށް ހުސް ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ އޭނާ ފޮނުވާލި ހަމަލާ، ބަންގުލަދޭޝްގެ ކީޕަރު އެމްޑީ މެހެދީ ހަސަން ސްރަބޯން ވަނީ މަތަކޮށްފައެވެ.
މެޗު ނިމިގެންދިޔައީ ހަމަނުޖެހުންތަކަކާއެކުއެވެ. ބެންޗުގައި އިން ބަންގުލަދޭޝްގެ މިރާޖުލް އިސްލާމަށް ރަތް ކަޑެއް ދެއްކި އިރު، ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަނުޖެހުންތަކަކާ ގުޅިގެން ބަންގުލަދޭޝްގެ ސަޕޯޓަރުންތައް ވެސް ދަނޑަށް އަރަން މަސައްކަތްކުރިއެވެ.
އެ ނަތީޖާއާއެކު ރާއްޖެއަށް މުބާރާތް ނިންމާލަން ޖެހުނީ ލީގު ބުރުގެ ފުލުގައި އޮވެ އެއް ޕޮއިންޓާއެކުއެވެ. އެއްވަނަ ހޯދި ޕާކިސްތާނަށް ހަތް ޕޮއިންޓު ލިބިފައިވާ އިރު، ދެވަނައިގައި ނިންމާލި އަފްގާނިސްތާނަށް ލިބުނީ ހަތަރު ޕޮއިންޓެވެ. އަދި މުބާރާތުގައި މެޗަކުން ބަލިނުވި ނަމަވެސް، ބަންގުލަދޭޝް ތިން މެޗުން ވެސް އެއްވަރުވުމާއެކު ނިންމާލީ ތިންވަނައިގައެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގެ ފައިނަލުގައި ބައްދަލުކުރާނީ ލީގު ބުރުގެ އެއްވަނަ ހޯދި ޕާކިސްތާނާއި ދެވަނަ ހޯދި އަފްގާނިސްތާނެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 9:00 ގައެވެ.


