މި ސަރުކާރު ބަލިކުރަން ބޭނުންވާ ނަމަ، އިދިކޮޅު ޕާޓީގެ ގޮތުގައި އެމްޑީޕީ ވަރުގަދަވެ ހަރުދަނާވާންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު (ސޯބެ) ކާމިޔާބުކުރައްވާފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ.
ޔާމީން ވިދާޅުވީ، އެމްޑީޕީ ބަދަހިކަމާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރި ނަމަ، ވޯޓުގެ ފަރަގު ކުޑަކުރެވި އެއަށް ވުރެ ރަނގަޅު ނަތީޖާއެއް ލިބުނީސް ކަމަށެވެ. ކުރީގެ ތިން ރައީސުން އެއް ފަޅީގައި ތިއްބެވިއިރު ބޮޑު އަގުލަބިއްޔަތެއް ނުލިބުނު ކަމަށް ސަރުކާރުން ބުނާއިރު ސަރުކާރުގެ ހުރިހާ ބާރުވެރިކަމަކާއި ސަރުކާރުގެ ބޮޑުން ބަޑަހަޖަހައިގެންވެސް ސަރުކާރުވީ ބަލި ކަމަށް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގައި އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް ކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު، ރާއްޖޭގައި ރަސްމީކޮށް އޮތް އިދިކޮޅު ސިޔާސީ ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އެހެންވެ އެމްޑީޕީން އެ މަސައްކަތް ނުކުރަނީ ކީއްވެގެންތޯ ޔާމީން ސުވާލު އުފެއްދެވި އެވެ.
”އެ ބޭފުޅުން (އެމްޑީޕީން) އިންތިޒާމު ވާންޖެހޭ, އެ ބޭފުޅުންގެ ޕާޓީއަކީ ބައިބޯ, އިލްމީ މީހުންތަކެއް ތިބި ޕާޓީއެއް. ދެން މިހާރު ފެނިގެން މިދަނީ, މުއިއްޒަށް ބްރީތް މި ކުރެވެނީ, ނޭވާ ލެވެނީ އެމްޑީޕީ ލެކް ކަމުން. އެ ބޭފުޅުންގެ ފަރާތުން މަސައްކަތްތަކެއް ނުކުރެވޭތީ އިނގޭތޯ،“ ޔާމީން ވިދާޅުވި އެވެ.
އެމްޑީޕީއަށް މިރޭ ވެސް ހިތްވަރު ދެން އިލްތިމާސް ކުރަން, އެ ބޭފުޅުންގެ މަސައްކަތްތައް ހަރުދަނާކުރައްވާފައި މިއަށް ވުރެ ވަރުގަދަކުރައްވާށޭ. ކޮށިއަރާ މީހަކު ކޮށިއަރަންޖެހޭ. ފަޔަށް ރަތްހިނި އަރާ ކަމަށް ވަންޏާ ރަތްހިނި އަރައިގެން ހިރެން ވެސް ޖެހޭނެ އިނގޭތޯ.“


