ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު އައްޔަނުކޮށްފި އެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރީ 23 މެއި 2024 ގައެވެ. އޭގެ ކުރިން އޭނާ ހުންނެވީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމުގައެވެ.
މީގެ ކުރީން ޑެޕިއުޓީ ކޮމިޝަނަރު އޮފް ޓެކްސޭޝަންގެ މަގާމުވެސް އަދާކުރައްވާފައިވާ ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަގާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޑިރެކްޓަރު އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރުގެ މަގާމުވެސް އަދާކުރައްވައިފަ އެވެ.
ޒަރީރު ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގައި ބެޗްލާ އޮފް އެކައުންޓިން އަދި މާސްޓާ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލުކުރައްވައިފަ އެވެ. މީގެ އިތުރުން އޭނާ ވަނީ، އިނގިރޭސިވިލާތުގެ ފެލޯ ޗާޓާޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އާއި އޮސްޓްރޭލިއާގެ ސާޓިފައިޑް ޕްރެކްޓިސިން އެކައުންޓަންޓްގެ ކޮލިފިކޭޝަންވެސް ހާސިލުކުރައްވައިފަ އެވެ.
ފިނޭންސް މިނިސްޓަރުގެ މަގާމުން ޒަމީރު މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި އިރު، ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ބައެއް މީޑިއާތަކަށް ވިދާޅުވި ގޮތުގައި ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށެވެ.


