ވޯލްޑް
ކަޕް

ފަހުވަގުތު ސްވިޒަލެންޑް ކޮޅަށް ޖެހި ގޯލާއެކު، ގަތަރަށް ފުރަތަމަ ފަހަރަށް ޕޮއިންޓެއް 

ވޯލްޑް ކަޕް 2026 ގައި ސްވިޒަލެންޑް ކޮޅަށް ކޫކީ ޖެހި ގޯލަށްފަހު ގަތަރުގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ރޮއިޓާސް

ފީފާ ވޯލްޑް ކަޕް 2026 ގައި ގަތަރާއި ސްވިޒަލެންޑް ބައްދަލުކުރި ފޯރިގަދަ މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.

އެމެރިކާގެ ސެންޓަ ކްލާރާގައި ހުންނަ ސެންފްރަންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ގަތަރުން ވަނީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލެންޑުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 17 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ގޯލު ކާމިޔާބުކޮށްދިނީ ބްރީލް އެމްބޯލޯއެވެ. މެޗުގެ ބޮޑު ބައެއްގައި ސްވިޒަލެންޑުން ކޮންޓްރޯލް ހޯދައިގެން ކުޅުނު ނަމަވެސް، ގަތަރުގެ ޑިފެންސްލައިނާއި ގޯލްކީޕަރު މަހްމޫދު އަބޫނަދާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.

މެޗުގެ ފަހު ވަގުތުކޮޅާ ހަމައަށް ވެސް ސްވިޒަލެންޑް 1-0 އިން ކުރީގައި އޮތް ނަމަވެސް، މެޗުގެ ދެވަނަ ހާފުގެ އިތުރުވަގުތުކޮޅުގެ ތެރޭގައި ގަތަރުގެ ބޫއަލަމް ކޫކީ ވަނީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ 1-1 އަށް ބަދަލުކޮށްފައެވެ. އެއީ ވޯލްޑް ކަޕްގެ ތާރީހުގައި ގަތަރުން ޖެހި ދެވަނަ ގޯލެވެ.

މިއީ ވޯލްޑް ކަޕްގެ ތާރީހުގައި ގަތަރަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. ގަތަރުން ފުރަތަމަ ވާދަކުރި ވޯލްޑް ކަޕަކީ އެންމެ ފަހުން 2022 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕެވެ.

ވޯލްޑް ކަޕް 2026 ގެ ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމަށް ވެސް މިހާރު ވަނީ އެއް ޕޮއިންޓް ލިބިފައެވެ. ކުރިން ކެނެޑާ އާއި ބޮސްނިއާ ބައްދަލުކުރި މެޗު ވެސް ނިމިގެންދިޔައީ 1-1 އިން އެއްވަރުވެގެންނެވެ.