ފީފާ ވޯލްޑް ކަޕް 2026 ގައި ބްރެޒިލް ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯ އަތުން 1-1 ގެ ނަތީޖާއަކުން ބްރެޒިލު އެއްވަރުވިޔަސް ސަޕޯޓަރުން ކަންބޮޑުނުވުމަށް އެ ޓީމުގެ ކޯޗު ކާލޯ އެންޗެލޮޓީ އެދިއްޖެއެވެ.
މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެންޗެލޮޓީ ވަނީ މޮރޮކޯގެ ޓީމުގެ ރޭވުންތެރިކަމާއި ހިތްވަރަށް ތައުރީފުކޮށްފައެވެ. އަދި މެޗުގެ ތެރޭގައި ލިބުނު ފުރުސަތުތައް ބޭނުން ހިފުމުގައި ބްރެޒިލް ނުކުޅެދިފައިވާކަން އޭނާ ގަބޫލުކުރިއެވެ.
މިކަމާ ގުޅޭގޮތުން އެންޗެލޮޓީ ބުނީ މިއީ އުނދަގޫ މެޗަކަށް ވާނެކަން ކުރިންވެސް އެނގޭ ކަމަށެވެ. މޮރޮކޯއަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި މިހާރު އެންމެ ވަރުގަދަ އެއް ޓީމުކަން އެ ޓީމުން ސާބިތުކޮށްދީފައިވާ ކަމަށާއި، އެ ޓީމުގެ ޑިފެންސިވް ކުޅުމުގެ ސަބަބުން ބްރެޒިލަށް މެޗު އުނދަގޫވި ކަމަށް އޭނާ ފާހަގަކުރިއެވެ.
މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބްރެޒިލް ކުޅުނު ނަމަވެސް، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި މޮރޮކޯ އަތުން މޮޅެއް ނުހޯދުނެވެ. ނަމަވެސް، މި ނަތީޖާއާ ގުޅިގެން ޓީމުގެ ތެރޭގައި ކަންބޮޑުވުމެއް އޮތްކަމަށް އެންޗެލޮޓީ ގަބޫލެއް ނުކުރެއެވެ.
އެންޗެލޮޓީ ބުނީ މިއީ މުބާރާތުގެ ފުރަތަމަ މެޗު ކަމަށާއި، ވޯލްޑް ކަޕެއްގެ ނަތީޖާ އެންމެ މެޗަކުން ނުނިމޭނެ ކަމަށެވެ. މުހިންމީ ޓީމުން ރައްދު ދޭ ގޮތާއި ކުރިއެރުން ހޯދާ މިންވަރު ކަމުގައި އޭނާ ބުންޏެވެ.
ބްރެޒިލްގެ ފޯވަޑުންނަށް ގިނަ ފުރުސަތުތަކެއް ގެއްލުމުން، އެންޗެލޮޓީ ވަނީ އެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަދައްކައިފައެވެ. އޭނާ ބުނީ ޓީމުން ރަނގަޅު ފުރުސަތުތަކެއް އުފެއްދި ކަމަށާއި، ނަމަވެސް ބައެއް ފަހަރު އެންމެ ފަހު ފިޔަވަޅު ނުވަތަ ގޯލަށް ފޮނުވާ ބޯޅަ ގޯހުން ދަނީ ކަމަށެވެ. މިއީ ފުޓްބޯޅައިގައި ވާނެ ކަމެއް ކަމަށާއި އެކަމާ މެދު ކަންބޮޑުނުވާ ކަމަށް އޭނާ ބުންޏެވެ.
މޮރޮކޯގެ ޓެކްޓިކަލް ޑިސިޕްލިންއަށް ތައުރީފު ކުރަމުން އެންޗެލޮޓީ ބުނީ އެ ޓީމު ވަރަށް ރަނގަޅަށް އިންތިޒާމުވެފައިވާ ކަމަށެވެ. އެކުގައި ދިފާއުކޮށް، ވަރަށް ބުރަކޮށް މަސައްކަތްކޮށް، ކައުންޓާ އެޓޭކުގައި ނުރައްކާ ކުރެވޭ ފެންވަރުގެ ކުޅުންތެރިން އެ ޓީމުގައި އެބަތިބި ކަމަށާއި އެ ޓީމަށް ވަރަށް ބޮޑަށް އިހުތިރާމު ކުރާ ކަމަށް އޭނާ ބުންޏެވެ.
ގްރޫޕް ސީގައި ބްރެޒިލްގެ ކުރިއަށް އޮތް މެޗަށް އިޝާރާތްކުރަމުން އެންޗެލޮޓީ ބުނީ ގޯލު ކުރިމަތީގައި އިތުރަށް ހުޝިޔާރުވާން ޖެހޭ ކަމަށެވެ. ވޯލްޑް ކަޕެއްގައި ކުދިކުދި ކަންތައްތަކުން މެޗުގެ ނަތީޖާ ބަދަލުވާ ކަމަށާއި، މޮޅުވާން ބޭނުންވާ ވަރަށް ފުރުސަތު އުފެއްދި ނަމަވެސް އެ ފުރުސަތުތައް ގޯލަކަށް ހަދަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އެންޗެލޮޓީ ވަނީ ދަނޑުގެ މާހައުލަށް ތައުރީފުކޮށް، ބްރެޒިލް ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. ސަޕޯޓަރުންގެ އެއްބާރުލުން ފުރަތަމަ މިނިޓުން ފެށިގެން ފަހު މިނިޓާ ހަމައަށް ލިބުނު ކަމަށާއި، އެމީހުން އުފާކޮށްދިނުމަށްޓަކައި ޓީމުން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ގްރޫޕް ސީގައި ބްރެޒިލަށް އަދިވެސް ކުރަން ހުރި މަސައްކަތްތައް އެބަހުރި ކަމަށާއި، ނަމަވެސް ޓީމު ކުރިއަށް ގޮސް މުބާރާތް ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެންޗެލޮޓީ ބުންޏެވެ. ޓީމު އޮތީ ހަމަޖެހި، އެކުވެރިކަމާއެކު މުބާރާތަށް ފޯކަސްކޮށްގެން ކަމަށާއި، މި ޓީމުގައި ފެންވަރާއި ތަޖުރިބާ އަދި ހިތްވަރު އެބަހުރި ކަމަށް އޭނާ ބުންޏެވެ.


