ރައީސް މުއިއްޒުގެ މަގުބޫލުކަން ގެއްލިއްޖެ، ޕީއެންސީގެ ލީޑާޝިޕުން ވަކިކުރަންޖެހޭ: ނަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: މަޖިލިސް

ސަރުކާރު ހިންގާ ޕާޓީ, ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލީޑާޝިޕުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދުރުކުރަންޖެހޭ ކަަމަށާއި ނޫނީ އެ ޕާޓީ ސަލާމަތެއް ނުވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ, ރައީސް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް މަގުބޫލުކަން ގެއްލިފައިވާ ކަމަށާއި އެހެންކަމުން ޕީއެންސީއަށް ދެން އަންނަ އިންތިހާބު ގެއްލޭތަން ވަރަށް ސާފުކޮށް އެބަ ފެނިވަޑައިގަންނަވާ ކަމަށެވެ.

އަދި ކުރިއަށް އޮތް ޕީއެންސީގެ މަތީ މަޖިލީހުގެ އިންތިހާބުގައިވެސް އެ ޕާޓީގެ ލީޑަރެއްގެ ގޮތުގައި ރައީސް މުއިއްޒު ބަހައްޓަވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.

”ސިޔާސީ އެއްވެސް ހިސާބަކުން ލަފައެއް ނުކުރެވޭ މި ކޮންގްރެސްގައި ވެސް އެ ބޭފުޅުން, އެ ބޭފުޅުންގެ ލީޑަރެއްގެ ގޮތުގައި މަގުބޫލުކަން ގެއްލިފައިވާ ޑރ. މުއިއްޒު ބަހައްޓަވާނެ ކަމަކަށް. އަޅުގަނޑަށް ދެކޭ ގޮތުގައި މި ވަގުތަކީ ޕާޓީގެ ލީޑާޝިޕުން އެ ބޭފުޅާ ދުރުކުރަންވީ ވަގުތު. އެހެންނޫނީ ޕާޓީ ސަލާމަތެއް ނުވާނެ އެނގޭތޯ. އިންތިހާބު ބޮޑުތަނުން ގެއްލޭނެ. ބައްލަވާ! ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް މިކަން ހިނގާ ގޮތަކީ މަގުބޫލުކަން ގެއްލުނީމާ ޕާޓީ ލީޑަރު ބަދަލުކުރަންޖެހޭ. އެހެން ލީޑަރަކު އައިސްގެން ކުރިއަށް ދެވެނީ,“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވި އިރު, މިފަހުން ބޭއްވި ބޮޑު ތިން އިންތިހާބުގައިވެސް ޕީއެންސީއަށް ވަނީ ނާކާމިޔާބުވެފަ އެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނެވެ.