ރާއްޖެ މިނިވަންކަމަތީ ދެމިއޮތުމަށް ދިވެހި ސިފައިން ކުރި ޖިހާދާއި ހިތްވަރުން އިބުރަތް ލިބިގަންނަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ, މިއަދު ރާއްޖޭގައި ފާހަގަކުރާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ރައީސް ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ސިފައިންނާއި ރައްޔިތުންނަށް އަރިސްކުރައްވައިފަ އެވެ. އަދި ރާއްޖޭގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްތާލުންނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާފައިވެ އެވެ.
ރައީސްގެ ޕޯސްޓްގައި ޝަހީދުންގެ ދުވަހުގެ ހާއްސަ ލަވައިގެ ޅެން ބައިތުތަކެއް ވެސް ހިމަނުއްވައިފަ އެވެ.
”ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ، ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ، ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ، ފިދާކޮށް މި ވަތަނަށްޓަކާ ރޫހު ޖާނާ،“
ކޮންމެ އަހަރެއްގެ ނޮވެމްބަރު 3 ވަނަ ދުވަހު ފާހަގަކުރާ ނަސްރުގެ ދުވަހަކީ 3 ނޮވެމްބަރު 1988 ގައި ދިވެހިންގެ މަދު ބަޔަކާއި ސްރީ ލަންކާގެ ތަމަޅަ ބާޣީ ޖަމާއަތެއް ކަމަށްވާ ޕްލޯޓްއާ ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލުކޮށް, ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމަށް ދިން އުދުވާނީ ހަމަލާއިން ރާއްޖެއަށް ލިބުނު ނަސްރު ފާހަގަކުރާ ދުވަހެވެ.


