ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ޝާހިދު ހައްޔަރުކުރީ ރޭ 9:59 ހާއިރެވެ. އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ދޫނިދޫއަށެވެ.
ޝާހިދު ހައްޔަރުކުރީ އޭނާ ހައްޔަރުނުކުރަނީސް ނޫސްތަކަކުން އެކަން ރިޕޯޓުކުރުމުން، އެ ހަބަރުތައް އޭނާ ދޮގުކުރިތާ މާގިނައިރުތަކެއް ނުވަނީހެވެ.
ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.


