ވޯލްޑް
ކަޕް

ގަތަރު ލަދުގަންނަވާލުމަށްފަހު ކެނެޑާއިން ތާރީހީ މޮޅު ހޯދައިފި

ގަތަރު ކޮޅަށް ޖެހި ގޯލަށްފަހު ކެނެޑާގެ ޖޮނަތަން ޑޭވިޑް އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް ބީ“ ގައި ކެނެޑާ އާއި ގަތަރު ބައްދަލުކުރި މެޗު، 6-0 ގެ ބޮޑު ނަތީޖާއަކުން ކެނެޑާ ކާމިޔާބުކޮށް، އެ ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް މެޗެއްގައި މޮޅެއް ހޯދައިފިއެވެ.

ވެންކޫވާގެ ބީސީ ޕްލޭސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ކެނެޑާގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވަރުގަދަ ކުޅުމެކެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ކައިލް ލެރިން ކެނެޑާއަށް ލީޑު ނަގައިދިން އިރު، ޖޮނަތަން ޑޭވިޑް ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައި، ކެނެޑާ 3-0 އިން ކުރީގައި އޮވެ ފުރަތަމަ ހާފު ނިންމާލައިފައެވެ.

ދެވަނަ ހާފުގައި ވެސް ކެނެޑާގެ ފަރާތުން ފެނުނީ ހަމަލާތައް މެދުކެނޑުމެއްނެތި ފޮނުވާލި ތަނެވެ. ނޭތަން ސަލީބާ އިތުރު ގޯލެއް ޖެހި އިރު، ގަތަރުގެ މުހައްމަދު އަލް މަނައީ ބައިކޮޅަށް ގޯލެއް ވެސް ވަދެފައިވެއެވެ. އަދި މެޗުގެ ފަހު ވަގުތު ޖޮނަތަން ޑޭވިޑް އޭނާގެ ހެޓްރިކް ފުރިހަމަކޮށް ކެނެޑާއަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިނެވެ.

މި މެޗުގެ ތެރެއިން ގަތަރުގެ ހޮމާމް އަހުމަދު އަދި އާސިމް މަޑިބޯއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އިރު، ކެނެޑާގެ މިޑްފީލްޑަރު އިސްމާއިލް ކޯނޭގެ ފައި ބިންދައިގެން ދިއުމުން ސަބަބުން އޭނާ ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ.

މި މޮޅާއެކު ކެނެޑާއިން ވަނީ ހަތަރު ޕޮއިންޓު ހޯދައި ދެވަނަ ބުރުގެ އުންމީދު ބޮޑުކޮށްފައެވެ.