އަނިޔާއާ ގުޅިގެން ރިކަވަރީއަށް މަސައްކަތްކުރަމުންދާތީ، ވޯލްޑް ކަޕް 2026 ގެ ގުރޫޕް ސްޓޭޖުގައި ހެއިޓީއާ ދެކޮޅަށް ބްރެޒިލް ކުޅޭ މެޗަށް އެޓީމުގެ ތަރި ނޭމާ ދަތުރު ނުކުރާނެ ކަމަށް އެ ގައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.
ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ނޭމާގެ ރިކަވަރީގެ އެންމެ ފަހުގެ މަރުހަލާ ފުރިހަމަކުރުމަށްޓަކައި އެމެރިކާގެ ނިއު ޖާޒީގައި އޭނާ މަޑުކުރާނެ ކަމަށެވެ. މި މުއްދަތުގައި އޭނާ ބޭނުންކުރާނީ ދަ ރިޖް ހޮޓަލާއި ކޮލަމްބިއާ ޕާކް ޓްރޭނިން ސެންޓަރުގެ ވަސީލަތްތައް ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދިނެވެ.
އުމުރުން 34 އަހަރުގެ ނޭމާ ވަނީ މިދިޔަ ބުދަ ދުވަހު ޓީމާއެކު ތަމްރީނުތައް ފުރިހަމަކޮށްފައެވެ. އޭގެ ކުރިން އޭނާ ހުރީ ފިޒިއޮތެރަޕިސްޓުންނާއި ފިޓްނަސް ކޯޗުންގެ ބެލުމުގެ ދަށުން އިންޑޯ ތަމްރީނުތަކަށް އެކަނި ބަރޯސާވެފައެވެ. ބްރެޒިލުން ގެންދަނީ އޭނާ އަލުން ކުޅުމުގެ ތެރެއަށް ނެރުމުގައި ވަރަށް ބޮޑަށް ސަމާލުކަން ދެމުންނެވެ.
ނޭމާގެ ކަކުލު ހުޅަށް އަނިޔާވެފައިވަނީ މިދިޔަ މަހު ކޮރިތިބާއާ ދެކޮޅަށް ކުޅެ 3-0 އިން ސަންތޯސް ބަލިވި މެޗުގައެވެ. މިއީ ކުރިން ބާސެލޯނާ އާއި ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އަށް ކުޅުނު މި ފޯވަޑަށް ކުރިމަތިވި އެތައް އަނިޔާއެއްގެ ތެރެއިން އެންމެ ފަހުގެ އަނިޔާއެވެ. ނޭމާ ބްރެޒިލްގެ ގައުމީ ޓީމަށް ނުކުޅޭތާ މިހާރު ގާތްގަނޑަކަށް ތިން އަހަރު ވަނީ ވެފައެވެ.
މި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ވެސް ނޭމާ ފެނިފައިނުވާ އިރު، ބްރެޒިލްގެ ފުރަތަމަ މެޗުގައި މޮރޮކޯއާ އެއްވަރުވެ، ބްރެޒިލް އޮތީ އެއް ޕޮއިންޓާއެކުއެވެ. ކުރިއަށްއޮތް މެޗުގައި ބްރެޒިލާ ދެކޮޅަށް ހެއިޓީ އޮތީ ސްކޮޓްލެންޑް އަތުން ބަލިވުމާ ގުޅިގެން ގުރޫޕްގެ އެންމެ ފުލުގައެވެ.
ވޯލްޑް ކަޕް 2026 ގެ ”ގްރޫޕު ސީ“ ގައި ހެއިޓީއާ ދެކޮޅަށް ބްރެޒިލް ނުކުންނާނީ ރާއްޖޭގަޑިން ފަތިހު 5:30 ގައެވެ.


