އޮސްޓްރިއާ ބަލިކޮށް، އެމެރިކާ ގަދަ 32 އަށް 

ފްރީމަންގެ ގޯލަށްފަހު އެމެރިކާ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ގެޓީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޑީގައި މިރޭ ކުޅުނު މެޗުގައި ކޯ-ހޮސްޓް އެމެރިކާއިން އޮސްޓްރޭލިއާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައިފިއެވެ.

އެމެރިކާގެ ސިއޭޓަލް ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގައި އޮސްޓްރޭލިއާގެ ކެމެރޮން ބާގެސް އަތުން ބައިކޮޅަށް ގޯލެއް ވަދެފައިވާ އިރު، އެމެރިކާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެލެކްސް ފްރީމަންއެވެ.

އެމެރިކާގެ ތަރި ކްރިސްޓިއަން ޕުލިސިޗް އަނިޔާއަކާ ގުޅިގެން މި މެޗަށް ނުކުޅެވުނު ނަމަވެސް. ޕެރަގުއާއީއާ ދެކޮޅަށް ފުރަތަމަ މެޗުގައި 4-1 އިން މޮޅުވި ފޯމް ދަމަހައްޓައި އެމެރިކާއިން ވަނީ ގަދަ 32 އިން ޖާގަ ޔަގީންކޮށްފައެވެ.

ފުރަތަމަ ގޯލު ފެނިގެންދިޔައީ 11 ވަނަ މިނެޓުގައެވެ. ފޮލާރީން ބެލޮގަން ވާތް ފަޅިން ބާރު ސްޕީޑުގައި ގޮސް ޕެނަލްޓީ އޭރިއާ ތެރެއަށް ނުރައްކާތެރި ހުރަހެއް ނެގިއެވެ. ރިކާޑޯ ޕެޕީއަށް އަމާޒުކޮށް ނެގި ހުރަސް، ގޯލުގެ ތެރެއަށް ވަދެފައިވަނީ އޮސްޓްރޭލިއާގެ ޑިފެންޑަރު ކެމެރޮން ބާގެސް އަތުން ބައިކޮޅަށެވެ.

ދެވަނަ ގޯލު ފެނިގެންދިޔައީ 43 ވަނަ މިނެޓުގައެވެ. ސާޖީނޯ ޑެސްޓް ފޮނުވާލި ހަމަލާއެއް ޑިފެލެކްޓްވެގެން މައްޗަށް ގޮސް އެލެކްސް ފްރީމަން ބޮލުން ގޯލަށް ވައްދާލިއެވެ. ލައިންސްމަން ވަގުތުން އޮފްސައިޑް ކަމަށް ދެއްކި ނަމަވެސް، ވީއޭއާރު ރިވިއު ކުރުމަށްފަހު ފްރީމަން ހުރީ އޮންސައިޑުގައިކަން ކަށަވަރުކޮށް ގޯލު ދިނެވެ.

ދެވަނަ ހާފުގައި އޮސްޓްރޭލިއާއިން ގޯލެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެމެރިކާގެ ޑިފެންސް ލައިނުން ރަނގަޅަށް ދިފާއުކޮށް ކްލީން ޝީޓް ހޯދިއެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ނެސްޓޮރީ އިރަންކުންޑާ ބްރޭކެއްގައި ގޮސް ވޮލްޕާޓޯއަށް ބޯޅަ ދިނުމުން ހަމަލާ ފޮނުވާލިޔަސް ބޯޅަ ދިޔައީ ގޯލް މަތިންނެވެ.

މި މޮޅާއެކު އެމެރިކާއިން ވަނީ ގްރޫޕް ޑީގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު ހަމަޖެހިލައިފައެވެ. އޮސްޓްރޭލިއާއަށް ތިން ޕޮއިންޓު ލިބިފައިވާ އިރު، ތުރުކީ އާއި ޕެރަގުއާއީއަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.