ބެލްޖިއަމްގެ ވިންގާ ޖެރެމީ ޑޮކޫ ފުރަތަމަ ދަރިފުޅު އުފަންވާ ވަގުތަށް ވޯލްޑް ކަޕް ސްކޮޑް ދޫކޮށްލާނެ ކަމަށް ބުނުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުވެ، ބޮޑު ބަހުސެއް ފެށިއްޖެއެވެ.
މެންޗެސްޓާ ސިޓީގެ ކުޅުންތެރިޔާ ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، އޭނާގެ އަންހެނުން ޝީރީން ވިހެއުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ދެވަނަ ހަފުތާގައި ކަމަށެވެ. އެ ދުވަސްވަރު ދިމާވާނީ މުބާރާތުގެ ކުއާޓާ ފައިނަލް މަރުހަލާއާއެވެ.
”ފުރަތަމަ ދަރިފުޅު އުފަންވާ ވަގުތު ގެއްލުވާލާކަށް އެކަކުވެސް ބޭނުމެއް ނުވާނެ. އެކަމަކު ފުޓުބޯޅައިގައި އެހެން ގިނަ ކަންތައްތަކެއް ވެސް ހިމެނޭކަން އެނގޭ“ ޑޮކޫ ބުންޏެވެ. ”ފެޑެރޭޝަނުން ކުޅުންތެރިންނަށް ސަޕޯޓްކުރާކަމާއި އެމީހުންގެ ހާލަތު ދެނެގަންނަކަން އެނގޭ. ކުރެވެން އޮތް ގޮތެއް ބަލާނަން،“
ފްރާންސްގެ ލެކީޕް ޗެނެލްގެ ޕްރެޒެންޓަރު ފްރާންސް ޕިއެރޮން ހުކުރު ދުވަހު ބުނީ ގައުމީ ޓީމު ދޫކޮށްދިއުމަކީ ”ނުރަނގަޅު ވަގުތެއް“ ކަމަށާއި ވިހެއުމުގެ ތެރޭގައި ”ބައްޕައަކީ ބޭނުމެއް ނެތް މީހެއް“ ކަމަށެވެ.
ޕިއެރޮންގެ އެ ވާހަކަތަކާ ގުޅިގެން ކުރީގެ ބޮކްސަރު ބްރާހީމް އަސްލޫމް ރައްދުގައި ބުނީ ”ދަރިފުޅަކީ މުޅި ދިރިއުޅުން، ވޯލްޑް ކަޕް ނިމުނީމާ ނިމުނީ“ ކަމަށެވެ. އޭގެ ފަހުން އިއްޔެ ޕިއެރޮން ސޯޝަލް މީޑިއާގައި ބަޔާނެއް ނެރެ ބައްޕައިންގެ ދައުރު ކުޑަކުރުމުގެ ނިޔަތެއް ނެތް ކަމަށާއި އެ ބަސްތަކުން ބައެއް މީހުންނަށް އަސަރުކޮށްފައިވާނަމަ މައާފަށް އެދޭ ކަމަށް ބުންޏެވެ.
އުމުރުން 24 އަހަރުގެ ޑޮކޫ ވަނީ، ވޯލްޑް ކަޕް 2026 ގެ ”ގްރޫޕު ޖީ“ ގައި މިސްރާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ބެލްޖިއަމްގެ ފުރަތަމަ އެގާރައިގައި ކުޅެފައެވެ.
ބެލްޖިއަމްގެ ދެވަނަ މެޗުގައި މިއަދު އީރާނާ ދެކޮޅަށް ބެލްޖިއަމުން ނުކުންނަން ޖެހޭ އިރު، ޑޯކޫ ބަލިވެ އުޅޭތީ އެ މެޗުގައި އޭނާ ނުކުޅޭނެ ކަމަށް ބެލްޖިއަމްގެ އެފްއޭ އިން ވަނީ އިއުލާންކޮށްފައެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 12:00 ގައެވެ.


