ގަތަރުގެ މައި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ފެކްޓަރީއެއްގައި ގޮވުމެއް ގޮވައި، 54 މީހުން ޒަހަމްވެ، 18 މީހުން ގެއްލިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.
ގަތަރުގެ ދާހިލީ މިނިސްޓްރީން ބުނީ، ރައުސް ލައްފާން އިންޑަސްޓްރިއަލް ސިޓީގައި ހުންނަ ބަރްޒާން ފެކްޓްރީގައި ހިނގި މި ގޮވުމާއި ގުޅިގެން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެ ގައުމުގެ އިންޓަނޭޝަނަލް ސާޗް އެންޑް ރެސްކިއު ގުރޫޕުން ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ޒަހަމްވި މީހުންގެ ހާލަތާ ބެހޭ އެއްވެސް ތަފުސީލެއް ދީފައެއް ނުވެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ”ޓެކްނިކަލް މައްސަލައެއްގެ“ ސަބަބުންނެވެ. އަދި ހާދިސާއާ ގުޅިގެން ފެކްޓްރީން އާންމުންގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް އެއްޗެއް ލީކުވެފައި ނުވާ ކަމަށްވެސް ބުންޏެވެ.
ރައުސް ލައްފާން އިންޑަސްޓްރިއަލް ސިޓީ ބަލަހައްޓާ ކުންފުނި ކަމަށްވާ ގަތަރު އެނާޖީން ބުނީ، ބަރްޒާން ފެކްޓަރީގައި ގޮވުން ހިނގުމާއެކު ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ވަގުތުން ފޮނުވައި، އެ ތަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.
ދޯހާގެ އުތުރުން ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައި އޮންނަ ރައުސް ލައްފާން އިންޑަސްޓްރިއަލް ސިޓީއަކީ ދުނިޔޭގެ އެންމެ ބޮޑު އެލްއެންޖީ އެކްސްޕޯޓް ފެސިލިޓީ ހުންނަ ތަނެވެ. ދުނިޔޭގެ ބާޒާރަށް ބޭނުންވާ ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އުފައްދަނީ މިތަނުންނެވެ.


