ޔޫކޭގެ ބޮޑުވަޒީރު ސްޓާމާ އިސްތިއުފާ ދެއްވައިފި

ޔޫކޭގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވިކަން ސްޓާމާ އިއުލާން ކުރައްވަނީ ---

އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމުންނާއި ލޭބާ ޕާޓީގެ ލީޑަރުގެ މަގާމުން ކިއާ ސްޓާމާ އިސްތިއުފާ ދެއްވައިފި އެވެ.

ލަންޑަން ގަޑިން މިއަދު ހެނދުނު 9:30 ހާއިރު 10 ޑައުނިން ސްޓްރީޓްގެ ބޭރުގައި ދެއްވި ބަޔާނެއްގައި ސްޓާމާ ވިދާޅުވީ، އާ ލީޑަރަކު ހޮވުމުގެ މަރުހަލާ ނިމެންދެން މަގާމުގައި ދެމި ހުންނަވާނެ ކަމަށާއި މިއީ އަމާންކަމާއެކު ބާރުތައް ބަދަލުކުރުމަށް މަގުފަހިކުރުމަށްޓަކައި ނިންމެވި ނިންމުމެއް ކަމަށެވެ.

ސްޓާމާ އިސްތިއުފާ ދެއްވާފައި މިވަނީ މިދިޔަ މެއި މަހު ބޭއްވި ލޯކަލް އިންތިހާބުގައި ލޭބާ ޕާޓީއަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާއި ސްޓާމާގެ ލީޑާޝިޕާއި ސިޔާސަތުތަކާ މެދު އެ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ހިތްހަމަނުޖެހުންތަކެއް އުފެދި، އޭނާއަށް ކުރިމަތިވި ފިއްތުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ޖަޒުބާތީ ގޮތަކަށް ދެއްވި ކުރު ތަގުރީރެއްގައި ސްޓާމާ ވިދާޅުވީ، 10 ޑައުނިން ސްޓްރީޓަށް ވަދެވަޑައިގަތުމަކީ އޭނާގެ ހަޔާތުގައި އައި އެންމެ ފަހުރުވެރި ވަގުތު ކަމަށެވެ. އަދި އޭނާގެ ދައުރުގައި ދުނިޔޭގެ ކުރިމަތީގައި އިނގިރޭސި ވިލާތުގެ އަބުރު އިއާދަކޮށް، އިންވެސްޓްމަންޓްތައް ކަށަވަރުކޮށް، މަސައްކަތްތެރިންގެ ހައްގުތައް ރަނގަޅުކޮށްދެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް، ކުރިއަށް އޮތް އާންމު އިންތިހާބުގައި ޕާޓީއަށް އިސްކޮށް ހުންނެވުމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ އޭނާާތޯ ލޭބާ ޕާޓީގެ ބައެއް މެންބަރުން ސުވާލު އުފައްދަމުންދާކަން ސްޓާމާ ގަބޫލުކުރެއްވި އެވެ.

”އަޅުގަނޑުގެ ޕާލަމެންޓްރީ ޕާޓީގެ ޖަވާބު އަޅުގަނޑަށް އިވިއްޖެ. އަދި އެ ޖަވާބު އަޅުގަނޑު އުފަލާއެކު ގަބޫލުކުރަން. ލޭބާ ޕާޓީގެ ލީޑަރުކަމުން އަޅުގަނޑު އިސްތިއުފާ ދޭނަން،“ އޭނާ ވިދާޅުވި އެވެ.

ލޭބާ ޕާޓީގެ ލީޑަރުކަމަށާއި ޔޫކޭގެ ބޮޑުވަޒީރު ކަމަށް ވާދަކުރައްވާނެ ކަމަށް ބެލެވޭ އެއް ބޭފުޅަކީ ލޭބާ ޕާޓީގެ ކުރީގެ ގްރޭޓާ މެންޗެސްޓާ މޭޔަރު އެންޑީ ބާންހަމް އެވެ. އޭނާ ވަނީ ޖޫން 18 ގައި ބޭއްވި ހާއްސް އިންތިހާބެއްގައި ބޮޑު ކާމިޔާބީއެއް ހޯއްދަވައިފަ އެވެ.

މިދިޔަ ހުކުރު ދުވަހު އާންމުކުރި އިޕްސޯސް ޕޯލްއަކުން ދައްކާގޮތުގައި، އިނގިރޭސި ވިލާތުގެ އާންމުންގެ 52 ޕަސެންޓް ގަބޫލުކުރާ ގޮތުގައި ސްޓާމާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވަންޖެހެ އެވެ. މިއީ މެއި މަހާ އަޅާބަލާއިރު 5 ޕަސެންޓް އިތުރު އަދަދެކެވެ. އޭނާ މަގާމުގައި ދެމިހުންނަން ފެންނަ ކަމަށް ގަބޫލުކުރަނީ 35 ޕަސެންޓް މީހުންނަށެވެ.