ފީފާ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕް ޖޭ“ ގައި ޖޯޑަން އާއި އަލްޖީރިއާ ބައްދަލުކުރި ފޯރިގަދަ މެޗު 1-2 ގެ ނަތީޖާއަކުން އަލްޖީރިއާ ކާމިޔާބުކޮށްފިއެވެ.
އެމެރިކާގެ ސެން ފްރަންސިސްކޯ ބޭ އޭރިއާ ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ އަލްޖީރިއާ އަދި ޖޯޑަނަށް ވެސް ވަރަށް މުހިންމު މެޗެކެވެ. މި މެޗުން ބަލިވާ ޓީމަކު މުބާރާތާ އަލްވަދާއު ކިޔަން ޖެހޭ އިރު، މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ އުންމީދެއް ލިބެން އޮތެވެ. އެހެންކަމުން މެޗުން ބަލިވި ޖޯޑަނަށް އެގައުމުގެ ފުރަތަމަ ވޯލްޑް ކަޕްގެ ދަތުރަށް ނިމުން އައީ އެވެ. އަދި ނަތީޖާއާ ގުޅިގެން އަލްޖީރިއާއަށް ދެވަނަ ބުރުގެ އުންމީދު އާވެގެންދިޔައީއެވެ.
މެޗުގެ ފުރަތަމަ ހާފްގައި ޖޯޑަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ނިޒާރު އަލް-ރަޝްދާން ވަނީ ގޯލެއް ޖަހައި ޖޯޑަނަށް ލީޑު ނަގައިދީފައެވެ. އެއީ ޖޯޑަންގެ ފުރަތަމަ ވޯލްޑް ކަޕް ގޯލެވެ. އަލްޖީރިއާ އިން މެޗުގެ ކުރީކޮޅު ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ޖޯޑަންގެ ގޯލްކީޕަރު ޔަޒީދު އަބޫލައިލާގެ ހުޝިޔާރު ކުޅުމުގެ ސަބަބުން އަލްޖީރިއާއަށް ގޯލެއް ޖެހޭގޮތް ވަނީ ނުވެފައެވެ.
ދެވަނަ ހާފު ފެށިގެން އަލްޖީރިއާ އިން އެޓޭކުތައް އިތުރަށް ވަރުގަދަކުރިއެވެ. މެޗުގެ 69 ވަނަ މިނެޓުގައި ނަދީރު ބެންބުއަލީ ބޮލުން ޖެހި ރީތި ގޯލަކުން އަލްޖީރިއާއަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. މިއީ 2014 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި އަލްޖީރިއާ އިން ޖެހި ފުރަތަމަ ގޯލެވެ.
މެޗު ނިމެން ކައިރިވެފައިވަނިކޮށް، 82 ވަނަ މިނެޓުގައި އަމީން ގުއިރީ ވަނީ އަލްޖީރިއާއަށް ލީޑު ނަގައިދީ މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ.
މި ނަތީޖާއާ ގުޅިގެން އަލްޖީރިއާ އާއި އޮސްޓްރިއާ ބައްދަލުކުރާ ގްރޫޕުގެ ފަހު މެޗު ފޯރިގަދަވާނެއެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާ އިރު، އެއްވަރުވެއްޖެ ނަމަ ދެ ޓީމަށް ވެސް އުންމީދު އޮންނާނެއެވެ. މި ގްރޫޕުން އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އިން ވަނީ ހަ ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.


