ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ، ޖެހިޖެހިގެން ހަ ވޯލްޑް ކަޕެއްގައި ގޯލު ޖަހައި، ތަފާތު ހަ ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދައި ތާރީހުގެ ތެރެއަށް ވަދެއްޖެއެވެ.
މި ކާމިޔާބީ އޭނާ ހާސިލުކުރީ ވޯލްޑް ކަޕް 2026 ގެ ”ގްރޫޕު ކޭ“ ގައި އުޒްބެކިސްތާނާ ދެކޮޅަށް ޕޯޗުގަލުން މިހާރު ކުޅޭ މެޗުގައި ގޯލު ޖަހައިގެންނެވެ. ރޮނާލްޑޯގެ ދެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔަ އިރު، ޕޯޗުގަލް ކުރީގައި އޮތީ 3-0 ގެ ނަތީޖާއަކުންނެވެ.
މީގެ ކުރިން ވެސް ވޯލްޑް ކަޕްގެ ފަސް މުބާރާތެއްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔަކީ ވެސް ރޮނާލްޑޯއެވެ. މިފަހަރުގެ ގޯލާއެކު، ހަ ވޯލްޑް ކަޕެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ގޮތުގައި އޭނާ ވަނީ އަމިއްލަ ރެކޯޑު އިތުރަށް ފުޅާކޮށްފައެވެ.
ރޮނާލްޑޯގެ މި ކާމިޔާބީ ފާހަގަކުރެވެނީ ފުޓްބޯޅައިގެ ތާރީހުގައި އޭނާގެ ދެމިއޮތުން ސާބިތުކޮށްދިން މުހިންމު ކަމެއްގެ ގޮތުގައެވެ. ކެރިއަރުގައި ރޮނާލްޑޯ ވަނީ އެތައް ރެކޯޑުތަކެއް މުގުރާލައި، ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.


