އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް މި ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކުރީގެ ރަޖިސްޓްރާ މުހައްމަދު ޝަކީލް މިއަދު އައްޔަންކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޝަކީލް އެ މަގާމަށް އައްޔަނުކުރަން 51 މެންބަރުން ވޯޓު ދެއްވިއިރު ހަތް މެންބަރުން އޭނާ އެ މަގާމަށް އައްޔަނުކުރުމާ ދެކޮޅަށް ވޯޓު ދެއްވި އެވެ.
އީސީގެ މެންބަރުކަމަށް ޝަކީލު އައްޔަން ކުރުމަށް މިއަދު ރައީސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އޭނާ ވަނީ އީސީގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ.
ޝަކީލަށް މެންބަރުކަމުގެ ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މުހައްމަދު ސަލީމެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އީސީގެ މެންބަރުކަމަށް އައްޔަންކުރެއްވިކަމުގެ ލިޔުން ޝަކީލްއާ ހަވާލުކުރައްވައިފަ އެވެ.
ޝަކީލް މީގެ ކުރިންވެސް ވަނީ އީސީގެ މެންބަރުކަމުގެ މަގާމު އަދާކުރައްވައިފަ އެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ.
މީގެ ކުރިން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާއި ޕީއެންސީގެ ރަޖިސްޓްރާގެ މަގާމުވެސް އަދާކުރައްވާފައިވާ ޝަކީލު މި ސަރުކާރުގައި ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރެއްވީ 28 ނޮވެންބަރު 2023 ގައެވެ. އީސީގެ މެންބަރުކަމަށް ވަޑައިގަތުމަށް އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ އިއްޔެ އެވެ.


