ހިޔާނާތްތެރިވުމަކީ ދުނިޔޭގައި ނިކަމެތިވުމުގެ އިތުރަށް، އާހިރަތުގައި ގަދަފަދަވެގެންވާ ކޯފާއާއި އަޒާބާ ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.
”އަމާނާތްތަކަށް ރައްކާތެރިވުން“ މި މައުޟޫއުއަށް ދިން ހުކުރު ހުތުބާގައި ބުނީ, އަމާނާތުގެ މާނައަކީ ހަމައެކަނި މީސްތަކުންގެ މުދަލާއި ރައްކާކުރާންދޭ ތަކެތި ރައްކާކުރުން އެކަނި ނޫން ކަމަށާއި އަމާނާތުގެ މާނައިގައި މާތް اللهގެ ހައްގުތަކާއި މީސްތަކުންގެ ހައްގުތަކުގެ ތެރެއިން އިންސާނާއާ ހަވާލުކުރެވިފައިވާ ހުރިހާ ހައްގުތަކެއް ހިމެނޭ ކަމަށެވެ. އަދި މާތް الله ތިބާއަށް ދެއްވައިފައިވާ ގުނަވަންތަކަކީ ތިބާއާ ހަވާލުކުރެވިފައިވާ އަމާނާތެއް ކަމަށްވެސް ބުންޏެވެ.
ދަރީންނަކީ ވެސް އަމާނާތެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެ ކުދީންނަށް ހެޔޮ ގޮތުގައި ތަރުބިޔަތު ނުދީފި ނަމަ، އަދި އެ ކުދީންގެ ހައްގުތައް އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ، ތިބާ އެވަނީ ހަވާލުކުރެވިފައިވާ އަމާނާތަށް ހިޔާނާތްތެރިވެފައި ކަމަށެވެ. އަދި އަމާނާތްތެރިކަމަކީ ކިހާ މުހިންމު ކަމެއްކަން މާތް ރަސޫލާ ބަޔާންކޮށްދެއްވާފައިވާއިރު, އެ އަމާނާތަށް ހިޔާނާތްތެރިވުމަކީ މުނާފިގުންގެ އަލާމާތެއްކަމުގައި އަންގަވާފައިވާ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, އަމާނާތްތަކަށް ރައްކާތެރިވުމަކީ ފިރުދައުސޭ ކިޔުނު ސުވަރުގޭގެ ވާރުތަވެރީންގެ ސިފަތަކުގެ ތެރެއިން ސިފައެއްކަމުގައި الله سُبْحَانَهُ وَتَعَالَى ލައްވާފައިވާ ކަމަށެވެ. އެގޮތުން އިސްލާމްދީނުގައި އަމާނާތަކީ ވަރަށް މަތިވެރި، ބޮޑުވެގެންވާ އަދި އެހައިމެ ބުރަދަންހުރި އެއްޗެއް ކަމަށާއި މުއުމިނެއްގެ އީމާންކަން ފުރިހަމަވާނީ އޭނާއަކީ އަމާނާތްތެރިއަކަށްވެގެން ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, އަހަރެމެން އެންމެ ބޮޑަށް ސަމާލުވެ، ރައްކާތެރިވާންޖެހިފައިވާ އެއް އަމާނާތަކީ، ދައުލަތާއި އާންމު ރައްޔިތުންގެ މުދަލާއި ފައިސާއަށް ކަމަށާއި އެއީ ބޮޑުވެގެންވާ އަމާނާތެއް ކަމަށެވެ. އެގޮތުން މީހެއްގެ އަމިއްލަ މުދަލަކަށް ހިޔާނާތްތެރިވުމަށް ވުރެ، ރައްޔިތުންގެ މުދަލަށް ހިޔާނާތްތެރިވުމުގެ ފާފަ މާ ބޮޑު ކަމަށާއި ސަބަބަކީ އެއީ މުޅި މުޖުތަމައުގެ ހައްގަކަށްވާތީ ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ, އަހަރެމެން އަދާކުރާ ވަޒީފާތަކާއި އެ ވަޒީފާގެ ވަގުތުތަކަކީ ވެސް ބޮޑުވެގެންވާ އަމާނާތެއް ކަމަށާއި ވަޒީފާގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާނުކުރުމާއި ވަޒީފާގެ ވަގުތަށް ފަރުވާކުޑަކުރުމަކީ އަމާނާތަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް ކަމަށެވެ. އަދި މީސްތަކުން އަހަރެމެންނަށް އިތުބާރުކޮށްފައި ކިޔައިދޭ ވާހަކަތަކަކީ ވެސް އަމާނާތެއް ކަމަށް ބުންޏެވެ.
އަމާނާތްތަކަށް ރައްކާތެރިވުމަކީ ތިމާއަށާއި މުޅި މުޖުތަމައަށް އޭގެ އެންމެ ފުރިހަމަ މަންފާކުރަނިވި މަތިވެރި ސިފައެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ, އެ ކަމުގެ ސަބަބުން މުޖުތަމައުގައި އަމާންކަމާއި ސުލްހަވެރިކަން އާންމުވެ، މީސްތަކުންގެ މެދުގައި ލޯތްބާއި އިތުބާރު ބޮޑުވެ, ދުނިޔެއާއި އާހިރަތުގެ ބާއްޖަވެރިކަން ލިބޭ ކަމަށެވެ.
އެއާ ހިލާފަށް، އަމާނާތްތެރިކަން ނެތިގޮސް ހިޔާނާތްތެރިވުމަކީ މުޖުތަމައުގެ ބިންގާ ރޫޅި، އަނިޔާވެރިކަމާއި ކަރަޕްޝަން ފެތުރި، ހައްގުތައް ގެއްލޭނޭ ކަމެއް ކަމަށް ބުންޏެވެ.


