ށ. ޅައިމަގު ”ކުރިމަގު“ ބޯޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލިކަން، އޭނާއާއެކު މަސައްކަތްކުރި ދެ މީހެއްގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ލުތުފަރު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާގެ ހަށިގަނޑު މޫދު އަޑިން ފެނިފައިވަނީ 2019 ވަނަ އަހަރުގެ މާޗު މަހު އެވެ.
ލުތުފަރުގެ މަރުގެ މައުލޫމާތު ދިނުމަށް ފުލުހުން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސީރިޔަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް، ސްޕްރިޑެންޓް އޮފް ޕޮލިސް ހަޝަން ޝިފާއު ވިދާޅުވި ގޮތުގައި ލުތުފަރު މަރާލީ އޭނާ މަސައްކަތް ކުރަމުންދިޔަ ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާ އެކު ޖިސްނީ ގުޅުން ހިންގަން މަސައްކަތް ކުރަން އުޅޭތީ އެކަމުގެ ނުރުހުމުގައެވެ.
މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ އުފުލި އެވެ. އެއީ ބަންގްލަދޭޝްގެ ރައްޔިތުން ކަމަށްވާ އަލަމިން އާއި ނޫރުލްއިސްލާމްގެ އިތުރުން އަކްތަރް ހުސައިނެވެ. އެ ތިން މީހުންގެ މައްޗަށް ވެސް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. މި ތިން މީހުންގެ ތެރެއިން އަކްތަރު ހުސެއިން ވަނީ ޖަލުގައި ހުއްޓާ މަރުވެފަ އެވެ.
މި މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝާފިއު ހުކުމުގެ ރައުޔުގައި ވިދާޅުވީ، ދައުވާ ލިބޭ މީހުން ތަހުގީގަށް ދީފައިވާ އިއުތިރާފުގެ ބަޔާންތަކަކީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ދީފައިވާ ސައްހަ ބަޔާންތަކެއް ކަމަށެވެ. އެ ބަޔާންތަކުގައި ލުތުފަރުގެ ކަރާއި ނޭފަތުގައި ހިފައި ނޭވާ ހާސްކޮށްގެން މަރާލި ގޮތާއި އޭނާގެ ހަށިގަނޑު ފޮރުވުމަށްޓަކައި ގާ އެޅި ބަސްތާތަކުގައި އައްސައި ކަނޑުފެއްތި ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ، ލުތުފަރުގެ ރަސްމީ ލިޔެކިޔުމެއް ނެތް ނަމަވެސް، ކަނޑުން ފެނުނު ކަށިތަކުގެ ޑީއެންއޭއާއި ބަންގްލަދޭޝްގައި ތިބި އޭނާގެ މައިންބަަފައިންނާއި ދަރިންގެ ޑީއެންއޭ ދިމާވާ ކަމަށާއި އެހެންކަމުން އެއީ ލުތުފަރުކަން ސާބިތުކޮށްދޭ ވަރުގަދަ ޝަރުއީ ހެއްކެއް ކަމަށް ކަނޑައެޅޭނެ ކަމަށެވެ.
މީގެ އިތުރުން، ލުތުފަރަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު މީހަކަށް ވީނަމަވެސް، އޭނާއަކީ އިސްލާމީ ޝަރީއަތުގެ ދަށުން ފުރާނައިގެ ރައްކާތެރިކަން ލިބިގެންވާ މީހެއް ކަމަށާއި ރަސްމީ ވިސާއެއް ނެތުމަކީ އޭނާ މަރާލުމަށް ލިބޭ އުޒުރެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.
މި މައްސަލާގައި ކުށް ސާބިތުވެފައިވާތީ، ދެން އޮންނާނީ ލުތުފަރުގެ ވާރިސުންގެ ބަސް ހޯދުމުގެ އަޑުއެހުމެކެވެ. ދައުލަތުން ވަނީ ބަންގްލަދޭޝްގައި ތިބި ވާރިސުންގެ ބަސް ކޯޓަށް ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ވިދާޅުވެފަ އެވެ.


